ބެންކޮކްގެ އިހުސާސްކުރެވޭ ފިނި ހޫނުމިން 52 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި!

ތައިލެންޑް ގެ އާއްމުން ބޭރަށް ނުކުތުން ވީހާ ވެސް މަދުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުން-- ފޮޓޯ: ޝިންހުއާ

ތައިލެންޑްގެ ވެރި ރަށް ބެންކޮކްގެ ގެ އިހުސާސްކުރެވޭ ފިނި ހޫނުމިން 52 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެގައުމުގެ މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަން އިން ބުނެފިއެވެ.

ތައިލެންޑަށް އައިސްފައިވާ ހީޓް ވޭވް ގެ ސަބަބުން އެގައުމުގެ އެކި ސަރަހައްދު ތަކުގެ ފިނި ހޫނުމިން ވަރަށް ބޮޑަށް އުފުލިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ހާލަތު މިއަށް ވުރެ ވެސް ގޯސްވެދާނެ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަހަރުގެ އެންމެ ހޫނު މަސް ކަމަށްވާ އޭޕްރީލް މަހު ގައި އެގައުމުގެ 77 ޕްރޮވިންސެއްގެ ހޫނު މިން ރެކޯޑް އަދަދަކަށް މައްޗަށް ގޮސްފައިވާއިރު، މިއީ މީގެ ކުރިން އެގައުމަށް އެންމެ ހޫނުވި އަހަރު ކަމަށްވާ 1958 އަހަރަށް ވުރެ ވެސް ހޫނު ގަދަ އަހަރެއްކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާގެ ޑާޓާ ތަކުން ދައްކައެވެ.

އެގޮތުން މި މަހުގެ ތެރޭގައި 26 ޕްރޮވިންސެއްގެ ހޫނު މިން 40 ޑިގްރީ އަށް އަރާއިރު، އުތުރު ޕްރޮވިންސް ލާމްޕަންގްގައި ހޫނު މިން ވަނީ 44.2 ޑިގްރީ އަށް އަރާފައެވެ. ހަމައެއާއިއެކު، ބެންކޮކް ގެ އިހުސާސްކުރެވޭ ހޫނު މިން 52 ޑިގްރީ އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެގައުމުގެ މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަން ވަނީ މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށް ބުނެފައެވެ.

އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި ގުޅިގެން ބޭރުގައި އުޅޭ ވަގުތު މަދު ކުރުމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން އަންގާފައިވާއިރު، އިއްޔެ އެކަނިވެސް ތައިލެންޑްގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 36،699 މެގަވޮޓަށް އަރާފައެވެ.

މިހާތަނަށް މި ހޫނުގެ ސަބަބުން ތައިލެންޑުގައި 30 މީހަކު މަރުވެފައިވާއިރު، ފިލިޕީން އަށް ވެސް މި ހީޓް ވޭވް ގެ އަސަރުކޮށް، އެގައުމުގެ ސްކޫލްތައް ބަންދު ކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް