ހިންގުމުގެ ހަރަދު ކުޑަވެ، ފުރަތަމަ ކުއާޓާ ގައި އެސްޓީއޯ ގެ އާމްދަނީ 4.5 ބިލިއަން ރުފިޔާއަށް!

އެސްޓީއޯ މައި އޮފީސް--

އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން ބުނީ މިއީ މީގެ ކުރީ ކުއާޓާއާއި އަޅާ ބަލައިއިރު 12 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، މި ކުރިއެރުން ލިބިފައިވަނީ ހިންގުމުގެ ހަރަދު ކުޑަކުރެވުމުގެ ސަބަބުން ކަމަށެވެ.

ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅުވެފައިވާތީ ކަން ފާހަގަކޮށް، އެސްޓީއޯ އިން ބުނީ، އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި617 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، މިއީ މީގެ ކުރީ ކުއާޓާއާއި އަޅާ ބަލައިއިރު 18 އިންސައްތައިގެ ކުރިއެރުމެއްް ކަމަށެވެ.

ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވެގެން ދިޔަ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު މިކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯ އަށް 308 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 19 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯ އަށް ސާފު ފައިދާ ގެ ގޮތުގައި 235 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މީގެ ކުރީ ކުއާޓާއާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެއްކަން އެސްޓީއޯއިން ފާހަގަކުރިއެވެ. އެ ކުންފުނިން ބުނީ މި ކުއާޓާގައި ސާފު ފައިދާ ގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން ކަމަށެވެ.

ހަމައެއާއިއެކު އެސްޓީއޯއިން ބުނީ، ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފުފައިދާގެ ގޮތުގައި އެކުންފުންޏަށް 195 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް
އަހުމަދު
4.5 ބިލިއަން ރުފިޔާގެ އާމްދަނީއަކުން 195 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުމުން ޕުރޮފިޓް މާޖިން އެ އުޅެނީ 0.43 ޕަސެންޓުގަ. މީ އެއްވެސް މާލީ އިދާރާއަކުން ބަލައިގަންނާނޭ މިންވަރެއް ނޫން.
01 May 2024