އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ޖެހުމުން ލޭގަނޑުވާ ކަމަށް މައި ކުންފުނިން އެއްބަސްވެއްޖެ

ކޮވިޝީލްޑް ވެކްސިން-- ފޮޓޯ: ބްލޫމްބާގް

ކޮވިޑް 19 ގެ ބަލިމަޑުކަމާއި ދެކޮޅަށް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ޖެހުމުން ލޭގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދުމުގެ ފަހަތުގައި އޮތް މައި ކުންފުނި އެސްޓްރާޒެނެކާ އިން ބުނެފިއެވެ.

މި ވެކްސިންގެ ސަބަބުން ކުރިމަތިވި ސިއްހީ މައްސަލަތަކަކާއި ގުޅިގެން 50 މީހުން ވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުންޏާއި ދެކޮޅަށް އިނގިރޭސިވިލާތު ގެ ކޯޓެއްގައި ދައުވާ ކޮށްފައެވެ.

އެކަމާއި ގުޅިގެން ކޯޓުގައި މި ކުންފުނިން ބުނީ މި ވެކްސިން ޖެހުމުގެ ސަބަބުން ލޭ ގަނޑުވުމާއި ލޭގައި ހުންނަންޖެހޭ ޕެލެޓްލެޓް ގެ މިންވަރު ދަށްވާ ހަލާތެއް ކަމަށްވާ ތްރޮމްބޮސިސް ވިތު ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް ނުވަތަ ޓީޓީއެސް ފެނުމުގެ ފުރުސަތު ވަރަށް މަދުން ނަމަވެސް އެބައޮތް ކަމަށެވެ. އެ ކުންފުނިން ބުނީ  ޓީޓީއެސް އަކީ އެ ވެކްސިން ޖެހިޔަސް އަދި ނުޖެހިޔަސް ހަށިގަނޑުން ފެނިދާނެ ސިންޑްރޯމް އެއް ކަމަށާއި، އެ ވެކްސިނާއި ދެކޮޅަށް ކޯޓަށް ހުށައަޅާފައިވާ ކޮންމެ މައްސަލައެއްގައި ވެސް ތަޖުރިބާކާރުންގެ ހެކި ހޯދަން ޖެހޭ ކަމަށެވެ.

މި ވެކްސިންގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރި އެކަކު ބުނި ގޮތުގައި ވެކްސިން ޖެހުމަށްފަހު ސިކުނޑިއަށް ދާއިމީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށާއި،އެކަމުގެ ސަބަބުން އޭނާ މަސައްކަތް ކުރުމަށް ހުރަސްތަކާއި ކުރިމަތިވި ކަމަށެވެ.

އިންޑިއާ އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 150 އަށް ވުރެ ގިނަ ގައުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މި ވެކްސިން ދީފައިވާއިރު މިއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ކުރިއެރުވި އަދި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ ވެކްސިން އެކެވެ.

މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މި ވެކްސިން ޖެހުމުން ކޮވިޝީލްޑުން މިފަދަ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބުނެފައެވެ.

         

Advertisement

ކޮމެންޓް