ޣައްޒާ ރައްޔިތުންގެ ޝުކުރު ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަމުންދާ ދަރިވަރުންނަށް!

ޣައްޒާގެ ކުދިން އެމެރިކާގެ ދަރިވަރުންނަށް ޝުކުރު އަދާކުރަނީ--ފޮޓޯ: ސީއެންއެން

ފަލަސްތީޏުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ޣައްޒާގެ ރައްޔިތުން ޝުކުރު އަދާކޮށްފިއެވެ.

މިގޮތުން، ރަފާގައި ހުންނަ ޝަބޫރާ ރެފިއުޖީ ކޭމްޕުން ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަ ކުދިން ވަނީ ކޮލަމްބިއާ ޔުނިވާސިޓީ އާއި އެމެރިކާގެ އެހެނިހެން ޔުނިވާސިޓި ތަކުން ވެސް ކުރިއަށްގެންދާ މުޒާހަރާ ތަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ބެނާތަކެއް ހިފަހައްޓައިގެން އެ ކުދިންގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

ސްކޫލެއްގެ ގޮތުގައި ބިނާކުރި ނަމަވެސް މިހާރު ބޯހިޔާވަހިކަމަށް ބޭނުން ކުރަމުން އަންނަ ސަރަހައްދުގައި އަޅާފައިހުރި ވަގުތީ ޓެންޓްތަކުގެ ފޮތިތަކުގައި ވެސް ވެސް ޣައްޒާގެ ރައްޔިތުން ވަނީ އެމެރިކާގެ ޔުނިވާސިޓީގެ ދަރިވަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ޝުއޫރު ފާޅުކޮށް، މެސެޖް ލިބިއްޖެ ކަމަށް ބުނެފައެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމުގެ ސަބަބުން ގެދޮރުގެއްލިފައިވާ އެ ގައުމުގެ ދަރިވަރެއް ކަމަށްވާ ތަކްފީރު އަބޫޔޫސުފް ބުނީ އެމެރިކާގައި ތިބި ދަރިވަރުންނަށް ޝުކުރު އަދާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިސްނުނު ކަމަށެވެ.

"އެހެރީ ޓެންޓްތަކުގައި އަހަރެމެންގެ ޝުކުރުގެ މެސެޖްތައް. އެ ޓެންޓް ތަކުން އަހަރުމެންނަށް ފިންޏާއި ހޫނުން އެއްވެސް ރައްކާތެރި ކަމެއް ނުލިބުނު ނަމަވެސް އެންމެ ކުޑަމިނުން ކުރެވޭނެ ކަމަކީ އެމީހުންނަށް ޝުކުރު އަދާކުރުން. ޝުކުރުގެ ބަސްތައް ފާރުތަކުގައި ލިޔަން ބޭނުންވި ނަމަވެސް އަހަރެމެންގެ ގެތައް ވަނީ ސުންނާފަތިވެފައި."

ތަކްފީރު އަބޫޔޫސުފް ބިދާޅުވިއެވެ.

ޣައްޒާގެ ޓެންޓް ތަކުގައި މުޒާހަރާ ކުރަމުންދާ އެމެރިކާގެ ޔުނިވާސިޓީގެ ދަރިވަރުންނަށް ޝުކުރު އަދާކޮށްފައި-- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގައި ފެށުނު މި މުޒާހަރާ މިހާރު އެގައުމުގެ 9 ޔުނިވާސިޓީއެއްގައި ކުރިއަށްދާއިރު، އޭގެ ތެރޭގައި ނަން މަޝްހޫރު ހާވާޑް ޔުނިވާސިޓީ އާއި ޔޭލް ޔުނިވާސިޓީ އާއި ނިއު ޔޯކް ޔުނިވާސިޓި ހިމެނެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ޔުނިވާސީޓީ ތަކުން އިސްރާއީލާއި ގުޅުން ހުރި ކުންފުނިތަކާއި މީހުންނާއި އޮތް ގުޅުން ކަނޑާލުމަށާއި، އެމެރިކާއިން އިސްރާއީލަށް ދޭ އެހީތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެމެރިކާގެ އިތުރުން ދާދި ފަހުން ފްރާންސްގެ ޕެރިސްގައި ވެސް ޔުނިވާސިޓީގެ ދަރިވަރުންތަކެއް ޣައްޒާ ގެ ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލާ މުޒާހަރާ ކުރިނަމަވެސް، މި މުޒާހަރާ ރޫޅިފައިވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ތާއީދު ކުރާ ބަޔަކު އައިސް މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.

Advertisement

ކޮމެންޓް