Advertisement

ބިދޭސީންގެ މައްސަލަ ހައްލުކުރަން "އޮޕަރޭޝަން ކުރަނގި" ފަށައިފި

ވަޒީރު އަލީ އިހުސާން-- ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން  "އޮޕަރޭޝަން ކުރަނގި" ފަށައިފިއެވެ.

 ކ.ހިންމަފުށީގައި މި އޮޕަރޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށާއި އެކަމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެކަމަށެވެ.

މި އޮޕަރޭޝަން ގެ މަގްސަދަކީ މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުން ނޫންކަމަށާއި، އަމާޒަކީ މީހުންތައް ދެނެގަނެ ކަށަވަރުން ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިވަގުތު މި އޮޕަރޭޝަނުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ. މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުންތައް ދެނެގަނެފަ، ކާކު ހުރި ކޮންތާކުތޯ، ކީއްކުރަނީތޯ އެމީހާ، އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން،" 

ވަޒީރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ވަޒީރު އިހުސާން ވިދާޅުވީ،  ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ވުޒާރާގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި،  އެ މައުލޫމާތު އަދާހަމަކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ. އަދި މި މަރުހަލާއަށް ފަހު ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލެވޭނެކަން ވެސް ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގާ ޤައުމީ މި ގައުމީ ހަރަކާތާއި ގުޅޭ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ ބުނީ މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް