ސްޓޭންޑާޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮތައިފަރު ކުއާޓާ ފައިނަލަށް

03 May 2024 | 18:01
ކޮތައިފަރާއި ދަ ސްޓޭންޑާޑް ވާދަކުރި މެޗުގެ ތެރެއިން

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް ޑީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ދަ ސްޓޭންޑާޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮތައިފަރު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ދަ ސްޓޭންޑާޑުން ކުޅުނު ފުރަތަމަ މެޗުގައި ފާރުފުށި އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، ކޮތައިފަރުގެ ފުރަތަމަ މެޗުގައި ފާރުފުއްޓާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކޮތައިފަރުންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކޮތައިފަރުގެ ހުސެއިން އިރުފާހް ހާފު މެދެންހާ ހިސާބުހުރެ ފޮނުވާލި ބާރު ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަ ސްޓޭންޑާޑްގެ ޝަމްމާން މޫސާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކޮތައިފަރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ކޮތައިފަރުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން އިރުފާހް އެވެ.  

ދަ ސްޓޭންޑާޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ޝުކޫރު އެވެ. މިއީ ކޮތައިފަރުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްފައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. 

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖައަކުން ކޮތައިފަރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޮތައިފަރުގެ ހުސެއިން އިރުފާހް އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮތައިފަރު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ދަ ސްޓޭންޑާޑް އަށް ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ އެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ލިބިފައެވެ.

މިއަހަރުގެ ރާބަދި ޗެލެންޖްގައި 14 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. މުބާރާތް ކުރިއަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި މީދުއްޕަރު 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިގަލި މޯލްޑިވްސްއެވެ. އަދި ކޮވިޑްގެ ސަބަބުން ރިސޯޓުތައް ބަންދުކުރުމާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިއުމަށް ފަހު 2022 ވަނަ އަހަރު ވަނީ އަލުން ރާބަދި ޗެލެންޖް ބާއްވަން ފައްޓާފައެވެ.

Advertisement

ކޮމެންޓް