ފުރަވެރި އާއި ރީތިފަރު އެއްވަރުވެ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުޑަފުށި ކުއާޓާ ފައިނަލަށް

04 May 2024 | 01:41
ފުރަވެރި އާއި ރީތިފަރު ވާދަކުރި މެޗުގެ ތެރެއިން..

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް ބީގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ފުރަވެރި އާއި ރީތިފަރު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގައެއް ކުޑަފުށިން ޔަގީންކޮށްފިއެވެ.

މުބާރާތުގައި ރީތިފަރުން ކުޅުނު ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ކުޑަފުށި އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ޖޯލި ބީއިންގ އަތުން އެޓީމު ބަލިވީ 6-2 ގެ ނަތީޖާއަކުންނެވެ. އަދި ފުރަވެރީގެ ފުރަތަމަ މެޗުގައި ޖޯލި ބީއިންގ އަތުން 4-5 ގެ ނަތީޖާއަކުން އެޓީމު މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޑަފުށި އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހަފު 2-1 ގެ ނަތިޖާއަކުން ފުރަވެރި ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ރީތިފަރުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

އެގޮތުން މިމެޗުގައި ރީތިފަރުގެ މައިސާން މުހައްމަދު ނަސީރު އަދި ފާރިޚް އަބްދުލްހަމީދު މިއިން ކޮންމެ  ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ފުރަވެރީގެ މުހައްމަދު ރަވީން އާއި މުހައްމަދު ފަޒީލް މިއިން ކޮންމެ ކުޅުންތެރިއެއް އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ފުރަވެރީގެ މުހައްމަދު ރަވީން އެވެ.

މިނަތީޖާއާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން ފުރަވެރިއަށް 4 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ރީތިފަރުން ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ. އަދި މިގުރޫޕުގެ އެއްވަނަ ޖޯލި ބީއިންގ ހޯދިއިރު، ދެވަނަ ހޯދީ ކުޑަފުށިއެވެ 

މިއަހަރުގެ ރާބަދި ޗެލެންޖްގައި 14 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. މުބާރާތް ކުރިއަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި މީދުއްޕަރު 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިގަލި މޯލްޑިވްސްއެވެ. އަދި ކޮވިޑްގެ ސަބަބުން ރިސޯޓުތައް ބަންދުކުރުމާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިއުމަށް ފަހު 2022 ވަނަ އަހަރު ވަނީ އަލުން ރާބަދި ޗެލެންޖް ބާއްވަން ފައްޓާފައެވެ.

Advertisement

ކޮމެންޓް