Advertisement

މި މަހުގެ 10 ގެ ނިޔަލަށް އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ނިމޭނެ: ސަރުކާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންތަކެއް--

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާކީ ތިބި ހުރިހާ ސިފައިން އެނބުރި އިންޑިއާއަށް ފޮނުވާލެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.

 އިންޑިއާ ސަރުކާރާއެކު އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ހައި ލެވަލް ކޯރ ގްރޫޕްގެ 4 ވަނަ ބައްދަލުވުމަށްފަހު ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ،  އަންނަ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން އަނބުރާ ގެންދާނެކަމުގެ ޔަގީންކަން  އިންޑިއާ އިން ދީފައިވާ ކަމަށާއި، އެ މަސައްކަތް ކަނޑައަޅާފައިވާ ގޮތަށް ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ތަރައްޤީއާއި ދިފާޢީ ގޮތުން އެއްބާރުލުން ދިނުން ހިމެނޭ ފަދަ ދާއިރާތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށާއި، ހައިލެވެލް ކޯރ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ދެފަރާތުން އެއްބަސްވާ ތާރީހެއްގައި ޖޫން ނުވަތަ ޖުލައި މަހު މާލޭގައި ބޭއްވުމަށް ވެސް މި ބައްދަލުވުމުގެ ތެރެއިން ކަނޑައެޅިގެން ދިޔަ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދަށް ވާއިރު، ޕީއެންސީ އިން އައްޑޫ ހިތަދޫ ހައި ސްކޫލުގައި ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ރާއްޖޭގައިތިބި އިންޑިއާ ސިފައިންގެ ދެވަނަ ޓީމް އެނބުރި އިންޑިއާއަށް މިދިޔަ މަހުގެ ނިޔަލަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ތިން ޕްލެޓްފޯމެއްގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފައިބާފައި ވަނީ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހު އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިން ފޮނުވާލާފައިވާއިރު، އެމީހުންނާއި އެކު އިންޑިއާގެ ހެލިކޮޕްޓަރުވެސް ވަނީ ފޮނުވާލާފައެވެ.

Advertisement

ކޮމެންޓް