Advertisement

ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެއިން މީޑިއާތަކަށް ބިމެއް ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް--ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެއިން މީޑިއާތަކަށް ބިމެއް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިޙުސާސްކުރެއްވޭ ކަމަށް ވިދާޅުވެފައެވެ.

ނައިބު ރައީސް ވިދާޅުވީ، ރިޔާސީ އިންޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޑރ.މުޢިއްޒު އިންތިޤާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި،ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ފެއްޓެވި ކަމަށެވެ.

އެގޮތުން ޚަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދަޢުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ޙައްލެއް ގެނައުމަށް ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގެންނެވި ކަމަށާއި، ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވި ކަމަށެވެ.

"ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ،"

ނައިބު ރައީސް ވިދާޅުވިއެވެ.

ހަމައެއާއިއެކު ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ތައް ހަމަޖެހޭނެ ފަދައިން ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި އެކަމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.

ނައިބު ރައީސް ވަނީ ނޫސްވެރިންނަކީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދަޢުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަން ފާހަގަކުރައްވާ، ޤައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް