މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފަށައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ވެމްކޯ

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 ފަރާތަކާ ގުޅިގެން، މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ދާ ކަމަށެވެ.

އެގޮތުން އިންޑަސްޓްރިއަލް ވިލެޖް ސާފުކުރަމުން ދަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އަދި، ދިވެހި ފުލުހުންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ގުޅިގެންނެވެ.

މި މަސައްކަތާ ގުޅިގެން ވެމްކޯ އިން ކުރެއްވި ޕޯސްޓުގައި ވަނީ މިއީ ނުވަ މަސްދުވަހުގެ ތެރޭގައި އެތަން ސާފުކުރަން ޖެހުނު 3 ވަނަ ފަހަރުކަން ފާހަގަކޮށްފައެވެ.

އަދި އާޒިމް ކުރެއްވި ޕޯސްޓުގައިވެސް ވަނީ، މާލޭގެ އެއްވެސް ތާކަށް ކުނި ނޭޅުމަށާއި އަދި މާލެ ސިޓީ ހަޑިވާ ޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާޒު ކުރައްވާފައެވެ.

Advertisement

ކޮމެންޓް