Advertisement

މ.މަޑުއްވަރީ ކައުންސިލްގެ ރައީސަށް އާޒިމް - އިންތިޚާބެއްގައި ޑިމޮކްރެޓްސް އަށް ލިބުނު ފުރަތަމަ މޮޅު

ޑިމޮކްރެޓސްގެ ކެނޑިޑޭޓް މުޙައްމަދު އާޒިމް އަލީ (ޓޮޓީ) - ފޮޓޯ: މީސްމީޑިޔާ

މ. މަޑުއްވަރީ ކައުންސިލް ރައީސްގެ ގޮނޑި ޑިމޮކްރެޓސްގެ ކެނޑިޑޭޓް މުޙައްމަދު އާޒިމް އަލީ (ޓޮޓީ) ކާމިޔާބުކޮށްފިއެވެ.

މިއަދު ބޭއްވި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބު ޑިމޮކްރެޓްސްގެ ކެނޑިޑޭޓް މުހައްމަދު އާޒިމް އަލީ (ޓޮޓީ) ކާމިޔާބު ކޮށްފައިވަނީ ދެން އެ ގޮނޑިއަށް ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އަބްދުالله އަލީ ގެ މައްޗަށް ކުރިހޯއްދަވައި، 50 ވޯޓުގެ ތަފާތަކުންނެވެ.

މިއީ ދަ ޑިމޮކްރެޓްސް އުފެއްދިފަހުން މިހާތަނަށް ވާދަކުރި އިންތިޚާބުތަކުގެ ތެރެއިން އެ ޕާޓީގެ ކެނޑިޑޭޓަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީ ދެބައިވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް، ރާއްޖޭގެ ސިޔާސީ ޕާޓިތަކުގެ ދަފްތަރުގައި ރަޖިސްޓަރ ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.

އޭގެ ފަަހުން ބޭއްވި ރިޔާސީ އިންތިޚާބާއި މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިޚާބުންވެސް ޑިމޮކްރެޓްސް ނާކާމިޔާބުވީއިރު ނިމިދިޔަ ވިހިވަނަ މަޖިލިސް އިންތިޚާބުގައިވެސް ދަ ޑިމޮކްރެޓްސްއިން ވާދަކުރެއްވި ކެންޑިޑޭޓުން ކުރެ އެއްވެސް ކެނޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވެއެވެ.

މަޑުއްވަރީ ކައުންސިލަށް އާޒިމް ހޮވުމުން، މަރުޙަބާ ކިޔުމުގެ ގޮތުން ދަ ޑިމޮކްރެޓްސްއިން ވަނީ ނޫސްބަޔާނެއްވެސް ނެރެއެވެ. 

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސް ބަޔާނުގައި ވަނީ އާޒިމަށް މަރުހަބާ ކިޔާ، އާޒިމަށް ވޯޓްދެއްވި ހުރިހާ ރައްޔިތުންނަށާއި ކޭމްޕޭންކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.

Advertisement

ކޮމެންޓް