Advertisement

ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢު "އަޖުމަ ފިޔަވަހި" ޤައުމީ ދިފާޢީ ބާރާއެކު ކުރިއަށް ގެންދަނީ

"އަޖުމަފިޔަވަހި" މަޝްވަރާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އެކު ކުރިއަށްގެންދިޔަ ބައްދަލުވުން - ފޮޓޯ: ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ޕައިލޮޓް ޕްރޮގްރާމް، "އަޖުމަފިޔަވަހި" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އެކު ކުރިއަށް ގެންދިޔުމަށް މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަޚުރުއްޛިޔާދުގެ އިތުރުން ވަޒީރުގެ ނާއިބު އާމިނަތު އިބްރާހީމާއި ވަޒީރުގެ ނާއިބު މޭޖަރ ޖެނެރަލް ރިޓަޔަރޑް ޢަބްދުﷲ ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ބްރިގޭޑިއަރ ޢަބްދުﷲ އިބްރާހީމާއި ކާނަލް ޢަލީ މަނިކު އަދި ކެޕްޓަން ހުޝާމު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ ދިވެހި ޤައުމިއްޔަތު އިޢާދަ ކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ހިންގާ މުއައްސަސާއަކީ ޤައުމީ ދިފާޢީ ބާރުކަން ފާހަގަކުރައްވާ ޤައުމިއްޔަތު މަޝްރޫޢުގައި އެ މުއައްސަސާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން ޤައުމިއްޔަތު މަޝްރޫޢުގެ ފުރިހަމަ މަފްހޫމް އެއިދާރާގެ ހުރިހައި ފަންތިއެއްގެ ބޭފުޅުންނަށް އެނގިވަޑައިގަތުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ މަޤުސަދު ޙާސިލްކުރުމަށްޓަކައި ވީހާ ވެސް ގިނަ އޮފިސަރުންނާއި އޮފިޝަލުންނަށް ޤައުމިއްޔަތުގެ ބަހާތަކާ ބެހޭ މަޢުލޫމާތު ސެޝަންތަކާއި، މަޝްރޫޢާ ގުޅޭ އިތުރު ހަރަކާތްތައް ހިންގުމަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން، ދެ މުއައްސަސާގެ މެދުގައި ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

އަދި މި މަޝްވަރާތަކުގެ އަލީގައި، މި މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އެކު މި ޕްރޮގްރާމް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާކަމަށްވެސް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް