ލިވަޕޫލް އަތުން ބަލިވެ، ޓޮޓެންހަމުން ފުރުސަތު ނަގާލައިފި

06 May 2024 | 02:46
ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ލިވަޕޫލްޱއަތުން ބަލިވެ ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް އެސްޓަން ވިލާ އާއި ދެމެޗުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފިއެވެ.

ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު ދެމެޗުން މޮޅެއް ނުހޯދި، ލީގު ހޯދުމުގެ އަމިއްލަ ބާރު އެޓީމަށް ގެއްލިފައިވާއިރު، މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމަށް ލީޑު ހޯދައިދިނީ މުހައްމަދު ސަލާހް އެވެ. މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަދްރޭ ރޮބަޓްސަން އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ލިވަޕޫލުންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކޯޑީ ގައްޕޯ ކާމިޔާބުކުރިއިރު، އޭގެ 9 މިނެޓުފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީޑަރު ހާވީ އެލިއަޓް އެވެ.

މިމެޗުގައި ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ބްރެޒިލްގެ ފޯވާޑް ރިޗާލްސަން އެވެ. އަދި އޭގެ ފަސްމިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސޮން ހުއަން މިންގް އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 36 މެޗުން ލިބުނު 78 ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް ލީގުގައި ކުޅުނު 35 މެޗުން ލިބުނު 60 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 5 ވަނައިގައެވެ.

Advertisement

ކޮމެންޓް