Advertisement

ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ދިވެހިރާއްޖެ، ޝަރަފުވެރި 4 ކެޓަގަރީ އަކުން އެވޯޑް ޙާސިލްކޮށްފި

ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން: ފޮޓޯ/ އެމްއެމްޕީއާރްސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން މިއަދު ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ) އިން، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ދިވެހިރާއްޖެ  ޝަރަފުވެރި 4 ކެޓަގަރީއަކުން އެވޯޑް ހާޞިލުކޮށްފިއެވެ. 

މިއަހަރު އެވޯޑް ލިބުނު 4 ކެޓަގަރީތަކަކީ: 

1. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024

2. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024 

3. އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024

4. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024

މިއަދުގެ ވަގުތެއްގައި އޭޓީއެމް 2024 ގެ ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައި ބޭއްވި މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ އިއްޒަތްތެރި ފަރާތްތަކުންނެވެ.

އެގޮތުން،މިނިސްޓަރ އޮފް ޓޫރިޒަމް، އަލްފާޟިލް އިބްރާހީމް ފައިޞަލް "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024" ގެ އެވޯޑާއި ހަވާލުވެލައްވާފައިވާއިރު، "އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024" ގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އަލްފާޟިލާ އައިޝާ ނޫރައިން ޖަނާޙެވެ.

އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަލްފާޟިލާ ފާޠިމަތު ތައުފީޤް, ބައްލަވައިގަނެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024" ގެ އެވޯޑެވެ. މީގެއިތުރުން، "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024" ގެ އެވޯޑްއާއި ހަވާލުވެލެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު އަލްފާޟިލް މުހައްމަދު ޚަލީލް އެވެ. 

މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. 

2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މީގެ ކުރިން، ދިވެހިރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފައިއެވެ.

1993 ވަނަ އަހަރުގައި އުފެދިގެން އައި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަޤްސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ.

Advertisement

ކޮމެންޓް