Advertisement

މިނިވަންކަމަށް މަސައްކަތްކުރީ އަމިއްލައަށް މުސްތަޤްބަލެއް އިޚްތިޔާރުކުރަން: ޝާހިދު

28 Jul 2020 | 11:59

ދިވެހިރާއްޖެއިން މިނިވަންކަން ހޯދުމަށް މަސައްކަތްކޮށްފައިވަނީ އަމިއްލަ މުސްތަގްބަލް ޚިޔާރުކުރުމުގެ އިޚްތިޔާރު އޮންނާނެކަމަށް ދެކިގެންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޑިޕްލޮމެޓުންނަށް ބޭއްވި ޚާއްސަ ރިސެޕްޝަންގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މީގެ 55 އަހަރު ކުރިން ދިވެހިރާއްޖެ މިނިވަން ގައުމަކަށް ވެގެންދިޔަ ކަމަށާއި، އޭރު ދިވެހިރާއްޖެއަކީ އެ ވަގުތު އޮތް އެންމެ ކުޑަ އަދި އެންމެ ފަގީރު އެއް މިނިވަން ގައުމުކަމަށެވެ. އެބޭފުޅާ ވިދާޅުވީ އޭރު ދިވެހިން މިނިވަންކަމަށް މަސައްކަތްކުރީ، އަމިއްލަ މުސްތަގްބަލް ކަނޑައެޅުމުގެ އިޚްތިޔާރު އޮންނަންވާނެކަމަށް ދެކިގެންނެވެ. 

އެފަދަ ހާލަތެއްގައިވިޔަސް އަލަށް އުފެދުނު، ކުޑަ އަދި ފަގީރު ގައުމަކަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލައި ނުގަނެ، އަދި އެފަރާތްތަކުގެ އެއްބާރުލުމާއި ނުލައި ކުރި ނޭރޭނެކަން ގަބޫލު ކުރެވުނުކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. 

މި ހަފްލާގައި ވާހަކަދައްކަވަމުން އެބޭފުޅާ ވިދާޅުވިގޮތުގައި އިގްތިސާދީގޮތުން ބަލިކަށި އަދި ކުޑަ ގައުމުތަކުން ބައިނަލްއަގްވާމީ މުޖުތަމައުގައި ފުރިހަމައަށް ހަރަކާތްތެރިވެވޭނެ ކަމާއި މެދުގައި އެ ދުވަސްވަރުގައި ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ސުވާލު އުފެއްދިއެވެ. ނަމަވެސް ހަމަހަމަކަމުގެ ސިޔާސަތުގެ ދަށުން މިނިވަން ލިބުނުތާ ދެމަސް ފަހުން އދ.ގެ 117 ވަނަ މެންބަރު ގައުމަށް ދިވެހިރާއްޖެ ވެގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އާ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން އިންސާނީ ވަސީލަތްތައް މަދުވުމާއި، އުމްރާނީ ވަސީލަތްތައް ބަލިކަށިވުން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެކު އެ ގޮންޖެހުންތަކުން އަރައިގަނެ، މިއަދާއި ހަމައަށް ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެއަށް މިނިވަންކަމާއި އެހެން ގައުމުތަކާއި އެކުގައި މަސައްކަތްކުރުމާއި ވަނީ ގުޅި ލާމެހިފައި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް