Advertisement

ކެޕްޓަން އިހުސާންއަށް މަގުމަތިން "ބާޣީ"އަށް ގޮވައި ފުރައްސާރަކޮށްފި

28 Jul 2020 | 15:29

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް[އެމްއެންޑީއެފް]ގައި މީގެ ތިން އަހަރު ކުރިން މަސައްކަތް ކުރެއްވި ކެޕްޓަން އަލީ އިހުސާން އަލޯރާ ފަރުނީޗަރ ކައިރީ މަގުމަތީގައި ހުއްޓާ މީހަކު "ބާގީއޭ ކިޔައި ރޭ ދިމާކޮށްލައިފި" ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކެޕްޓަން އިހުސާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ”އަޅުގަނޑު ދެންމެ ގެއައް އައިސް ސައިކަލް ޕާކް ކުރަނިކޮށް ”މިހިރަ ކެޕްޓަން އިހުސާން ބާޢީ **“ މިހެން ފަށައި އެތައް ބައިވަރު ހަޑި ހުތުރު އެއްޗިހި ގޮވައި، އަމިއްލަ ނަމާއި، އައިޑީ ކާޑު ނަންބަރ ކިޔާފަ ބުނީ ”ތި **އަށް ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނޭ“ މިހެން އެމީހަކު ބުނެފައިވާކަމަށެވެ.

އިހުސާން ވިދާޅުވީ އޭނާއަކީ ބާޢީއެއް ކަމުގައިވާނަމަ މިނިވަންކަމާއެކު މަގުމަތީގައި އުޅެވިގެން ނުވާނެކަމަށެވެ. އަދި އެހެން ނޫންނަމަ އެމީހާއަށް މިނިވަންކަމާއެކު މިހެން ގޮވައި ފުރައްސާރަކުރެވިގެން ނުވާނެކަމަށެވެ.

އިހުސާނާއި ރޭ މީހަކު ދިމާކުރި އިރު ދާދިފަހުން ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި އެމްޑީޕީ އެކްޓިވިސްޓެއްގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ކުރީގެ ކެޕްޓަން އިހުސާން ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ މިކަން ހިނގީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައިކަމަށެވެ. އޭނާ ވަނީ އެ ޓްވީޓުގައި ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އެކައުންޓް ޓެގު ކުރައްވައި އެކަން ތަހުގީގު ކޮށް ކޮންމެވެސް އެކަކަސް ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ ދާދިފަހުން އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ މީހަކު، ދިވެހިރާއްޖޭގެ ރަށްތައް ހިފަންޖެހޭ ކަމަށް ބުނެ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއަކާއި ގުޅިގެން ނުބައި ނަޒަރަކުން ރާއްޖެއާ ދިމާލަށް ބަލާލިއަސް ”ލޯ ނަގާފައި މަސްތަކަށް“ ކާންދޭނެ ކަމަށް ވިދާޅުވެ ކެޕްޓަން އިހުސާން ވަރުގަދަ ރައްދެއް ދެއްވާފައިވަނިކޮށެވެ.

Advertisement

ކޮމެންޓް