Advertisement

ގުބާރު 12

28 Jul 2020 | 14:39

ސާރާ އެގޮތުގައި އިރުކޮޅެއްވަންދެން މަލާޒާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވައިގެންނެވެ. ހަމަ އެހިނދު އޭނާ އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ. ސާރާއަށް ހިނގާފައި ދިޔައިރު ދެވޭ ނުދެވޭ ތަނެއް ނޭންގުނެވެ. އެގޮތުގައި ހިނގަމުން ގޮސް އޭނާއަށް ހޭވެރިކަންވީ އޭނާގެ ގެ ކައިރިއަށް އަރާ ހަމަވުމުންނެވެ. ސާރާ ގެއަށް ވަދެ ސޯފާގައި އިށީންދެލިއެވެ. ސޯފާގައި އިށީނުމާއެކު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް މުޅި ކޯތާފަތް ތެންމާލިއެވެ. އޭނާ އަޑުން އަޑުނަގާފައި ރޯންފެށިއެވެ. ސާރާ ދުވަހަކުވެސް އެހާ ހިތުގައި ޖެހިގެން ރުއި ހަނދާނެއް ނުވެއެވެ. އޭނާ އެގޮތުގައި ރޮއެލަ ރޮއެލާ އިންދާ ގޭގެ ބެލް ޖެހި އަޑު އިވުނެވެ.

ސާރާ ރުއިން ހުއްޓާލުމަށްފަހު މަޑުމަޑުން ހިނގާފައި ގޮސް ބެލް ޖަހަނީ ކާކުތޯ ބެލިއެވެ. ބަލާލިއިރު މަލާޒެވެ. މަލާޒު ފެނުމާއެކު އޭނާއަށް އަނެއްކާވެސް ރޮވުނެވެ. ސާރާ އެގޮތުގައި ހުރެ ދޮރުހުޅުވިއެވެ. ސާރާ ހުރިގޮތް ފެނިފައި މަލާޒު އިސްދަށަށް ޖެހިއެވެ. އޭނާގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ސާރާ އަނެއްކާވެސް ގޮސް ސޯފާގައި އިށީނެވެ. އެވަގުތު މަލާޒުވެސް އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ. "ސާރާ!". މަލާޒު މަޑުމަޑުން ސާރާއަށް ގޮވާލިއެވެ. އޭރުވެސް ސާރާގެ ރުއިމަކަށް އެއްވެސް ބަދަލެއް ނާދެއެވެ."ސާރާ އާދޭސްކޮށްފައި ބުނަން. ފުރަތަމަ ރުއިން ހުއްޓާލަބަލަ. އޭރުން އަހަރެންނަށް ވެސް ކަންކަން ހިނގާދިޔަ ގޮތް ކިޔައިދެވޭނީ." މަލާޒު އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"އަހަރެންނަށް ހުރިހާ ކަމެއް ފެނުނީމަތަ ބުނަން އެނގެނީ؟. ތީތަ މަލާޒު އަހަރެންނަށް ބަދަލުދޭ ގޮތަކީ؟." ސާރާގެ ރުއިން ދިޔައީ އިތުރަށް ގަދަވަމުންނެވެ. "ސާރާ އާދެސްކޮށްފަ ބުނަން. އެންމެ ފަހަރަކު ނަމަވެސް އަހަރެން މި ދައްކާ ވާހަކަ އަޑުއަހާބަލަ. ދެން އެއަށްފަހު ސާރާ ކިޔަން ބޭނުން ކޮންމެ އެއްޗެއް އަހަރެންނާއި ދިމާލަށް ކިޔަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް." މަލާޒު ސާރާގެ ދެއަތުގައި ހިފިއެވެ. އެހިނދު ސާރާ، މަލާޒު ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެރޭ މަލާޒު، ސާރާ ދުރުކުރަން މަސައްކަތެއް ނުކުރިއެވެ. މަލާޒަށް، ސާރާގެ ހިތުގެ ހާލު ހަމަ ރަނގަޅަށްވެސް އިހުސާސް ކުރެވެއެވެ. ކުށްވެރިއަކީ އޭނާކަން ގަބޫލުކުރެއެވެ.

"ސާރާ އަހަރެންނަށް މައާފު ކުރޭ. އަހަރެންމީ މިއަދު ކުށްވެރިއެއް. އެކަމަކު އަހަރެންނަށް ވެސް މި ނޫން އެހެން ގޮތެއް ނެތީމައޭ މި ކައިވެނި ކުރީ." މަލާޒު، ސާރާ އޭނާގެ ގަޔާއި ދުރުކޮށްލަމުން ބުންޏެވެ. "އަހަރެން ޖަލުން މިނިވަންވި ހިސާބުން އަހަރެންގެ ދިރިއުޅުން ބަދަލުވީ ހުދު އަހަރެންވެސް ހީނުކުރާފަދަ ގޮތަކަށް. އަހަރެން މިއަދު މިހުރީ ވަރަށް ބޮޑު ކަމެއް ކުރުމަށް އަޒުމު ކަނޑައަޅައިގެން. މިކަމުގައި އަހަރެންނަށް އެހީތެރިވެދޭނެ މީހެއް ބޭނުންވާތީ އަހަރެންނަށް އެވަރުގެ އެހީތެރިކަމެއް ފޯރުކޮށްދޭނެ ވަރު މީހަކާއި އަހަރެން މި ކައިވެނިކުރީ. އެއްވެސް ހާލެއްގައި ލޯބިވެގެންނެއް ނޫން." މަލާޒު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ކޮން ކަމެއް ކުރަންތަ؟ ބުނެބަލަ!. ލައްކަ ދުވަހު އަހަރެންނަށް އެތައް ކަމެއް ސިއްރުކޮށްގެން އުޅެވިއްޖެ އެއްނު. އަހަރެން. މަލާޒު ބުނެގެން އަހަރެން ނުކޮށްދެނީ ކޮން ކަމެއް؟. އަހަރެން ކައިރީ ނުބުނެވެންވީ ކީއްވެ؟. އަހަރެން މަލާޒަށްޓަކައި ވި ގުރުބާނީ ހަނދާންނެތުނީތަ؟." ސާރާ އޭނާގެ ހިތުގައި ހުރި ހުރިހާ އުދާސްތަކެއް ބޭރުކޮށްލިއެވެ.

"ނޫން ސާރާ، ހަނދާންނެތުނީއެއް ނޫން. އަބަދުވެސް ހަނދާންކުރާނަން. އެކަމަކު އަހަރެންގެ ވެސް މަޖުބޫރީ ހާލަތެއް އޮތީމައޭ މިހެން ކަންތައް ކުރަން ޖެހުނީ. އެކަމަކު އަހަރެންނަށް ހުރިޙާ ވާހަކައެއް ކިޔައިދެވޭކަށް ނެތް. އެނގޭހާވެސް އެއްޗަކީ އަހަރެން އަދިވެސް، އަބަދުވެސް ހަމައެކަނި ލޯބިވާ މީހަކީ ތީ ކަން." މަލާޒު ސާރާގެ ނިއްކުރިއަށް ބޮސްދިނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ދުނިޔެއަކީ ކޮންކަހަލަ ތަނެއް ހެއްޔެވެ؟. އިއްޔެ މެންދުރު އުފަލުގައި އުޅެމުން އައި ބައެއްގެ ހަޔާތަށް ބިންދާލީ ސުނާމީގެ ބިޔަ ރާޅެކެވެ. މަތިމައްޗަށް ނެގެމުން ދިޔައީ ބޯ ވިލާތަކެކެވެ. އެ ވިލާތަކުން ވެހެންމުން ދިޔަ ވާރެއިން ހިޔަވާން ދުއްވައިގަންނާނެ އެއްވެސް އަލި މަގެއް ފެންނާކަށް ނެތެވެ.

"އަހަރެން މަރުދުވަހާއި ހަމައަށް ސާރާ މަތިން ހަނދާންކުރާނަން. އަހަރެންނަށް މައާފުކުރާތި." މަލާޒު އެތަނުން ނިކުންނަން ހިނގައިގަތެވެ. ހަމަ އެއާއެކު ސާރާ ދުވެފައި ގޮސް މަލާޒުގެ އަތުގައި ހިފިއެވެ. ނަމަވެސް މަލާޒު، މަޑުމަޑުން ސާރާގެ އަތް ފޮޅާލިއެވެ. އަދި ބާރު ހިނގުމެއްގައި ހިނގާފައި ގޮސް ދޮރުން ބޭރަށް ނިކުތެވެ. ސާރާގެ ރުއިމުގެ އަޑު އެހުމަކީ މަލާޒުގެ ހިތަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. މިއަދު އޭނާއަށް ސާރާގެ ލޮލުން ފޭދެމުންދާ ކަރުނަތައް ފޮހެދޭން ކައިރީގައި ހުރެވޭކަށް ނެތެވެ. އަނެއްކޮޅުން ސާރާ ދިޔައީ މަލާޒަށް ގޮވަމުންނެވެ. ނުދާށެ ކިޔައި އާދޭސްކުރަމުންނެވެ.

ސާރާގެ ހިތް ކުދިކުދި ވިއެވެ. އެތައް ފަހަރަކު އަމިއްލަ އަށް މަރުވެދާނަމޭވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ އީމާންތެރިކަން އެކަމަކަށް ޖާގައެއް ނުދިނެވެ. މިއީ ކޮންފަދަ އިމްތިހާނެއްބާއޭ އޭނާ ހިތަށް އެރިއެވެ. ދުވަހަކުވެސް ދެގޮތެއް ނުވާނެ ކަމަށް ޔަގީންކުރެވުނު މީހާ މިއަދު އޭނާ އެކަނިކޮށްލާފައި ދިޔައީއެވެ. ސާރާއަށް އޭރުވެސް ނުވިސްނުނު ކަމަކީ، މަލާޒުގެ މަޖުބޫރީ ހާލަތެވެ. މަލާޒު އޭނާއަށް ކަންކަން ސިއްރުކުރަންޖެހޭ ދަރަޖައަށް ދާންޖެހުނީ ކީއްވެގެން ހެއްޔެވެ؟. ސާރާ މީހުން މަތިން ފޫހިވާން ފެށިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އޭނާގެ ވަޒީފާއަށް ވެސް ފަރުވާ ކުޑަކުރަން ފެށިއެވެ. އެކަމުގެ ސަބަބުން އޭނާއަށް އެތައް ފަހަރެއްގެ މަތިން މެނޭޖްމަންޓުން ނަސޭހަތްތެރިވިއެވެ.

ނަމަވެސް އޭނާގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ކަންކަން މިހާ ހިސާބަށް ދިއުމާއެކު، ސާރާ ނިންމީ އޭނާގެ ވަޒީފާ ދޫކޮށްލުމަށެވެ. އޭނާއަށް އެކަން ކުރަން ކިތަންމެ އުނދަގޫ ނަމަވެސް އޭނާ ބޭނުންވީ ވަޒީފާގެ މާހައުލުން ދުރަށް ޖެހިލަންށެވެ.

އެދުވަހުން ފެށިގެން ސާރާ މަލާޒަކަށް ނުގުޅައެވެ. މަލާޒުގެ ހަބަރެއްވެސް ނުވެއެވެ. ސާރާ މުޅިން އެކަނިވެރިވިއެވެ. މިއަދު އޭނާއަކީ ފައިސާއާއި ތަނަވަސްކަން ލިބިފައިވާ މީހެއް ނަމަވެސް، ލޯބިވާ މީހެއް ނެތް މީހެކެވެ. ސާރާގެ ހިތާމަތަކަށް ދުވަހަކުވެސް ލުއެއް ލިބޭނެބާއޭ އޭނާ ހިތަށް އެރިއެވެ. ހަމަ ގައިމުވެސް އޭނާއަށް އުމުރު ދުވަހަށް މަލާޒު ގެއްލިއްޖެއެވެ. ނަމަވެސް މަލާޒު، ސާރާ ދޫކޮށްލާފައި ދިޔައީ އޭނާއަށް އެތައް ސުވާލުތަކެއް ހަދިޔާކޮށްފައެވެ. އެނގޭ ކަމަކީ އެ ސުވާލުތަކުގެ ޖަވާބު މަލާޒުގެ ފަރާތުން ދުވަހަކުވެސް ނުލިބޭނެ ކަމާއި، އެއީ ސާރާ އަމިއްލައަށް ހޯދަންޖެހޭނެ އެއްޗެއް ކަމެވެ. ސާރާ މަޑުމަޑުން ދީނި ކަންކަމާއި ގާތްވެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ކޮންމެ ފަހަރަކުވެސް ހިތަށް އަރަނީ މަލާޒު އޭނާއާއި މެދު ކަންތައްތައް ކުރިގޮތެވެ. ދީނާއި ގުޅޭގޮތުން ދެއްކި ވާހަކަތަކެވެ. މި ކަންކަމުގެ ސަބަބުން ސާރާއަށް ދީނީ ކަންކަމާއި ގާތްވާން ވަރަށް އުނދަގޫވިއެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ގޮސް އެއްދުވަހެއްގެ ހަވީރުގެ ވަގުތެއްގައި ސާރާއަށް މަގުމަތިން ނާޝިދު ފެނުނެވެ. ފެނުމާއެކު ސާރާ ދުވެފައި ގޮސް ނާޝިދަށް ގޮވިއެވެ. ނާޝިދު ފަސްއެނބުރި ބަލާލިއިރު ކުރިމަތީގައި ހުރީ ސާރާއެވެ. "ނާޝިދު!. އަހަރެން ނާޝިދާއި ވާހަކައެއް ދައްކާލަން ބޭނުން. މިހާރު، މިވަގުތު!." ނާޝިދަކީ އޭނާގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދެވޭނެ ވަރުގެ މީހެކެވެ. ސާރާގެ އެދުމުގެ މަތިން ނާޝިދުއާއި އޭނާ އެތާ ކައިރީ ހުރި ރެސްޓޯރެންޓަކަށް ކޮފީއަކަށް އެރިއެވެ. ސާރާ ނާޝިދުއަށް ވަރަށް އަސަރާއެކު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. "ހަގީގަތުވެސް އަހަރެންނަކަށް ތިއިން އެއްވެސް ކަމެއް ނޭންގެ. އަހަރެންވެސް މިހުރީ ހައިރާންވެފަ. އަހަރެން މީ އޭނާއާއި އެންމެ ގާތްކޮށް އުޅުނު މީހާ. އަނެއްކޮޅުން..." ނާޝިދުގެ ވާހަކަ މިހާ ހިސާބުން ހުއްޓުނެވެ.

ސާރާ ކިހިނެއްވީތޯ އޭނާއާއި ސުވާލުކުރިއެވެ. "ސާރާއަކަށް ނޭންގޭތަ މަލާޒު ގެއްލިގެން އުޅޭކަމެއް؟." ނާޝިދުގެ އެ ޖުމްލައާއެކު ސާރާ ބޯން އިން ކޮފީތަށިން އަތްދޫނުވީ ކިރިޔާއެވެ. "އަދި ނޭންގިދާނެ. އެކަމަކު ވަރަށް އަވަހަށް މިކަން ހަބަރުތަކަށް އަރާނެ. މަލާޒު ގެއްލިގެން އުޅޭތާ ހަފްތާއެއް ވެއްޖެ. އެކަމަކު ފުލުހުންގެ މަސައްކަތް ފެށީ އިއްޔެ. ތިބުނާ އޭނާގެ އަންހެނުން އަތޫފާވެސް ވީތަނެއް ނޭންގެ." ނާޝިދުގެ ވާހަކަތައް އަޑުއިވިފައި ސާރާ ހިމޭންވިއެވެ. "އޭ ކީކޭ؟." ބޭއިހްތިޔާރުގައި އޭނާއަށް އަހާލެވުނެވެ. "އާ!. މިއީ އާދައިގެ ކަމަކާއި ވައްތަރެއް ނޫން. ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރި. ގެއްލުމުގެ އެއްދުވަސް ކުރިން އޭނާގެ މައިންބަފައިންނާއި ބައްދަލުކުރި ކަމަށްވޭ. މަލާޒު އިސްލާހުވި ފަހުން އޭނާގެ މައިންބަފައިން އޭނާ ބަލައިގަތް. އެދުވަހު އެ ގެއިން ނިކުންނަމުން އޭނަ އެމީހުން ކައިރި ބުނިހާވެސް އެއްޗަކީ ސާރާއަށް ބަލައްޗޭ." ނާޝިދުގެ ދުލުން ބޭރުވި ކޮންމެ ބަހެއްވެސް ސާރާއަށް ވީ ވިހަ އެއްޗަކަށެވެ. ސާރާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނާގެ ދިރިއުޅުމުން މަލާޒު ގެއްލުމުން އެކަމުގެ ހިތާމަ ނުފިލައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އަނެއް ކަމެއް ލައިގަތީއެވެ. މަލާޒު ކުއްލިއަކަށް ގެއްލެންވީ ކީއްވެގެން ހެއްޔެވެ؟. އަނެއްކާ ބަޔަކު މީހުންގެ އޭނާ މަރާލީ ހެއްޔެވެ؟ ނޫނީ ރަހީނު ކުރީ ހެއްޔެވެ؟  

Advertisement

ކޮމެންޓް