ޖުލައި މަސްނިމިއްޖެ، ފްލެޓް ލިސްޓް ސަރުކާރަށް ނުނެރެވުނު!

02 Aug 2020 | 10:30

ހިޔާ ފްލެޓްގެ ހައްޤުވެރިންގެ ލިސްޓް މި ސަރުކާރުން އަލުން އެކުލަވާލުމަށްފަހު ޖުލައި މަހުގައި ފަހުކޮޅު ޢިއުލާން ކުރައްވާނެކަމަށް މިނިސްޓަރ އަހްމަދު އަސްލަމް ވިދާޅުވެފައިވީނަމަވެސް، ޖުލައި މަސް ނިމިގެން ދިޔައިރުވެސް ލިސްޓް ހާމަކުރެވިފައިނުވެއެވެ.

ނިމިގެން ދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހު ހައުސިންގ މިނިސްޓަރ ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މީޑީއާތަކަށް މައުލޫމާތު ދިނުމަށް ކުރެއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ލިސްޓް ހާމަކުރުމާއި ބެހޭގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ ޖުލައި މަހު ފަހުކޮޅު ލިސްޓް ނެރެން ފަށާނެކަމަށެވެ.

އަސްލަމް ފާހަގަ ކުރެއްވި ގޮތުގައި 6720 ފްލެޓް ވެރިފައި ކުރުމަށްފަހު ޖުލައި މަހުން ފަށައިގެން ކެޓަގަރީތައް ނިމެމުން ދާއިރު އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ. އެހެންނަމަވެސް މުޅި އެކު ހުރިހާ ކެޓަގަރީތައް ވެރިފައި ކުރުމަށްފަހު އެއްކޮށް އިއުލާންކޮށް ނިމޭނީ، މި އަހަރު ސެޕްޓެމްބަރު ހިސާބުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީން ޖުލައި މަހުގެ 15 ވަނަ ދުވަހު މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ބެހޭ ކޮމިޓީގައި ވަނީ 7،000 ފްލެޓް ލިބޭނެ ފަރާތްތައް ލިބޭނެ މީހުންގެ ލިސްޓު ޖުލައި މަސް ނިމޭއިރު އިއުލާން ކުރަން ފެށޭނެ ކަމަށާއި، އެލިސްޓް ނެރޭއިރު، އެ ފްލެޓްތައް ލިބުނު ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މިސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

"ވޮއިސް" އިން ފްލެޓް ކޮމިޓީއަށް ޖުލައި 19 ވަނަ ދުވަހުން ފަށައިގެން ގުޅުމަށް ކުރި މަސައްކަތް މިހާތަނަށްވެސް ވަނީ ނާކާމިޔާބުވެފައެވެ.

ފްލެޓް ކޮމިޓީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ގެންދެވި އުސްތާޒް ތޯހާ ފޯނަށް އަދި މެސެޖަށްވެސް ޖަވާބު ނުދެއްވާ މައްސަލާގައި ސަރުކާރުގެ ތަރުޖަމާނު މެދުވެރިކޮށް މިހާރު ހިޔާ ފްލެޓްގެ ލިސްޓާއި ގުޅޭ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރެވެމުން ދާއިރު، މިހާތަނަށްވެސް ހައުސިންގ މިނިސްޓްރީން ލިސްޓްގެ ނެރުމާއި ގުޅޭގޮތުން އެއްވެސް ކަމެއް ހާމަކޮށްފައެއްނުވެއެވެ.

ހިޔާ ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

Advertisement

ކޮމެންޓް

Advertisement