ޔާސިރު ޔަހްޔާއަކީ އަލްޤައިދާ ޖަމާއަތުގެ އިސް ފަރާތެއްކަމަށް ބުނެފި

05 Aug 2020 | 06:04

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބަންދުގައި ހުއްޓާ ބަލި ހާލަތު ގޯސްވެގެން ނިޔާވި ޔަމަނަށް ނިސްބަތްވާ ޔާސިރު ޔަހްޔާ ޞާލިހު މުޠީއުއަކީ މަޝްހޫރު ނިރުބަވެރި ޖަމާއަތްކަމަށްވާ އަލްޤައިދާގެ އިސް ފަރާތެއްކަމަށް ސަރުކާރުން ބުނެފިއެވެ.

މިފަދައިން ސަރުކާރުން ބުނެފައިވަނީ ފުލުހުން، ކަރެކްޝަންސް އަދި އިިމިގްރޭޝަނުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާސިރު ޔަހްޔާ 2014 ވަނަ އަހަރުގެ ތެރޭގައި ޓޫރިސްޓް ވިސާގައި ދިވެހިރާއްޖެއަށް އެތެރެވިއެވެ. އަދި ހަމަ އެ އަހަރު އޭނާ ދިވެއްސަކާއި ކައިވެނި ކުރިއިރު، ޓެރަރިޒަމާއި ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭތީ އެ މުއްދަތުގައި އޭނާގެ ހަރަކާތްތައް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބަލާ މޮނީޓަރކުރަމުންދިޔަކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. 

އެގޮތުން މި ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަށް ބަލާލާއިރު، ޔާސިރު ޔަހްޔާއަކީ އަލްޤައިދާ ޖަމާއަތާއި ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރާ، އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީންތައް ފުރިހަމަކޮށްފައިވާ މީހެކެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަލްޤައިދާއިން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ތަހުގީގުކޮށްފައިވާ ދިވެހިންނާއި ޔާސިރު ގުޅުން ބަދަހިކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޔާސިރު ޔަހްޔާއަކީ ޔަމަނުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރަރިޒަމާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި، އެކި ފަހަރުމަތިން ބަންދުކޮށްފައިވާ މީހެއްކަމަށް ވަނީ ބުނެފައެވެ. އަދި ޔާސިރު އެކި ގައުމުތަކުގެ ސައްހަ ނޫން ޓްރެވަލް ޑޮކިއުމެންޓްތައް ބޭނުންކޮށްގެން ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުންނަށް ލިބިފައިވާ އިތުބާރު ހުރި އިންޓެލް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އޭނާގެ ކިބައިން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާތީ، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު އޭނާ އިމިގްރޭޝަނަށް ހާޒިރުކޮށް އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދާން އެންގިއެވެ. ނަމަވެސް އެފަދައިން އަމަލު ނުކުރުމުން މާޗް 2 ވަނަ ދުވަހު އޭނާ ދިވެހިރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ކުރީގެ އެންގުމަށް އަމަލުކޮށްފައި ނުވާތީ އޭގެ ފަހުން 3 ފަހަރު މަތިން ދިވެހިރާއްޖެއިން ފުރައިގެން ދާން އޭނާއަށް އެންގުނުކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އޭނާ ފުރުވާލެވެންދެން، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދު ކުރެވުނުކަމަށް ވަނީ ބުނެފައެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާސިރު ޔަހްޔާ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަންދު ކުރެވިފައިވާ މުއްދަތުގައި އޭނާއާއި މެދު އަމަލުކޮށްފައިވާނީ ސަލާމަތީގޮތުން ކަށަވަރު ކުރަންޖެހޭ ކަންތައްތައް ކަށަވަރުކުރުމަށްފަހު، އޭނާގެ އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާއި ގުޅުން ބޭއްވުމަށާއި ކެއިން ބުއިމާއި ހުރުމުގައިވެސް ޚާއްސަ އުސޫލެއްގެ ދަށުން ލުއިގޮތަކަށެވެ.

އަދި އެ މުއްދަތުގައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޭނާގެ ހާލަތު ޔަމަނުގެ ސަރުކާރަށް ފޯރުކޮށްދިންކަމަށް ވަނީ ބުނެފައެވެ. 

ޔާސިރު ޔަހްޔާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމެންޓް، ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަނު ސަރުކާރުން ހޯދުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަމަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން "އިންވޮލެންޓަރިލީ" ޔާސިރު ޔަހްޔާ ފުރުވާލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަނުގެ ސަރުކާރުގައި އެދިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޭނާ ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައި ނުވަނީ، ފުރައިގެން ދިއުމަށް އިންކާރުކޮށް ފުރުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ދީފައިނުވުމުގެ ސަބަބުންކަމަށް ބަޔާން ނިންމާލަމުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement