އެންމެ ފުރަތަމަ ޢާންމުކުރުމަށް ނިންމާފައިވާ ފްލެޓް ލިސްޓްގެ ކެޓަގަރީތަކުގެ މަސައްކަތުގެ ތަފްސީލް ހާމަކޮށްފި

12 Aug 2020 | 23:07

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި އުފައްދާފައިވާ ފްލެޓް ކޮމިޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ހާމަކުރައްވައިފިއެވެ.

3 އޮގަސްޓް ވަނަ ދުވަހުގެ މެންދަމު 2:12 ގައި ފްލެޓް ކޮމިޓީން ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮވިޑް-19 އަށް އެ ކޮމިޓީގެ މުވަޒަފުން ފައްސިވުމުން އެ ކޮމިޓީން ކުރަމުން އައި މަސައްކަތް މަޑު ޖައްސާލާފައިވާކަމަށާއި ކުރިން ޖުލައި ފަހުކޮޅު ނުވަތަ އޮގަސްޓް މަހު ކުރީ ކޮޅު ނެރެން ހަމަޖެހިފައިވާ ފްލެޓް ލިސްޓް ނެރުން ފަސްކުރެވިފައިވާކަމަށެވެ.

މި ބަޔާނާއެކު ވަނީ ފްލެޓް ކޮމިޓީއިން އެންމެ ފުރަތަމަ ޢާންމުކުރުމަށް ނިންމާފައިވާ ކެޓަގަރީތަކުގެ ކުރެވިފައިވާ މަސައްކަތްތަކާއި ނުނިމިހުރި މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.

ފްލެޓް ކޮމިތީން ހާމަކޮށްފައިވާ ތަފްސީލް ތިރީގައި މިވަނީއެވެ.

މި ކެޓަގަރީތަކުގެ މަތީގައި ދެންނެވިފައިވާ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާކަމަށާއި، H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައިވާކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން މިހާތަނަށް ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާކަމަށާއި، ކޮމިޓީގެ މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރަން ފަށާނެވާހަކަ ފްލެޓް ކޮމިޓީގެ ބަޔާނުގައިވެއެވެ.

28 ޖުލައި 2020 ގައި ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، އެ ކޮމިޓީގެ ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ކޮމިޓީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ވަނީ ޖެހިފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2 އޮގަސްޓް 2020 ގައި އެ ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އަންގަވާފައިވާކަމަށާއި، އެހެންކަމުން ފްލެޓް ކޮމިޓީއިން ކުރިން ނިންމާފައިވާގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް ޢާންމުކުރުން ލަސްވެގެންދާނެކަން ބަޔާންކޮށްފައިވެއެވެ.

ފްލެޓް ކޮމިޓީން މިފަދައިން ބަޔާން ނެރެފައިމިވަނީ ސަރުކާރުން ހިޔާ ފްލެޓް ލިސްޓް ނެރުމަށް ބުނެފައިވާ ތާރީހަށް ލިސްޓް ނުނެރެވި ލަސްވެފައިވާ މައްސަލައާއި، މީގެ އިތުރުންވެސް ހިޔާ ފްލެޓާއި ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ ސުވާލުތަކެއް ފެންމަތިވެ، އެސުވާލުތަކަށް ޖަވާބު ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ރައީސް ޞާލިހް އުފައްދަވާފައިވާ ފްލެޓް ކޮމިޓީގެ މެންބަރު އދ. މާމިގިލި އަލްއުސްތާޛު ތޯހާ މުހައްމަދު ފޯނަށް ޖަވާބު ދެއްވާފައިނުވާ މައްސަލަ މީޑީއާއަށް ފެންމަތިކޮށްފައިވަނިކޮށެވެ.

Advertisement

ކޮމެންޓް