Advertisement

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް އެއާޕޯޓުން ކަރަންޓީން ލިޔުމެއް ދޭނެކަމަށް ބުނެފި

04 Aug 2020 | 12:34

އާންމު ފްލައިޓްތަކަށް ދިވެހިރާއްޖޭގެ ބޯޑަރުތައް މިހާރު ހުޅުވާލާފައިވާއިރު، މި ދުވަސްވަރުގައި ދިވެހިރާއްޖެއަށް އަންނަ ދިވެހިންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަރަންޓީން ލިޔުމެއް ދޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ މިފަދައިން ވިދާޅުވީ މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ ކޮންމެ ފަރާތަކަށް ޕޯޓް ހެލްތުން ކަރަންޓީންގެ ޑޮކިއުމެންޓެއް ދޭނެކަމަށެވެ. އަދި އެފަރާތްތައް ދިވެހިރާއްޖެއަށް އައުމަށް ފްލައިޓަށް އެރުމުގެ ކުރިން އެއާލައިންތަކުންވެސް އެ ފަރާތްތަކަކީ ރަޖިސްޓަރވެގެން ކަރަންޓީންވުމަށް އަންނަ ފަރާތްތަކެއްތޯ ބަލާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. 

"އެހެންވީމަ އަޅުގަނޑުމެންގެ ހަމަ އެއާޕޯޓުން ސީދާ ކަރަންޓީން ޑޮކިއުމެންޓް ތައްޔާރުކުރެވިގެން އެބޭފުޅުން އަތަށް އެ ޑޮކިއުމެންޓް ލިބިގެންދާނެ"، ޑރ.ނަޒްލާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ރާއްޖެއިން ބޭރުން އަންނަ ބައެއް ފަރާތްތަކުން ހޯމް ކަރަންޓީންގެ އުސޫލުތަކާއި ޚިލާފްވަމުންދާކަމަށް ބުނެ މީސް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމަށް ރައްދު ދެއްވާ ޑރ.ނަޒްލާ ވިދާޅުވީ ކޮންމެ މީހަކު އަމިއްލަ ކޮޓަރީގައި ހުރިތޯ ބެލުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، މިވަގުތު ކޮންޓެކްޓުން ގޮތުގައިވެސް 4000 އެއްހާ މީހުންގެ ހަރަކާތްތައް ބަލަން ޖެހިފައިވާ ކަމަށެވެ. 

ނަމަވެސް އެއްވެސް ފަރާތަކުން ކަރަންޓީންގައި ނުހުރެ ނުކުމެއްޖެކަމުގެ މައުލޫމާތު ލިބިއްޖެނަމަ ލީގަލް ޓީމަށް އެ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް ޑރ.ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ކޮންމެ މީހަކު ހުރިތަނެއް ބެލުމަށް ނުގުޅޭ ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. 

Advertisement

ކޮމެންޓް

Advertisement