ބަލި ފެތުރެމުންދާ މިންވަރު އިތުރުވުމާއި ގުޅިގެން މާލެސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި

04 Aug 2020 | 17:52

ކޮވިޑް-19ގެ ބަލިމަޑުކަން ގްރޭޓަރ މާލެ ސަރަހައްދުގައި ފެތުރެމުންދާ މިންވަރު އިތުރުވަމުން ދިއުމާއި ގުޅިގެން މާލޭ ސިޓީގައި އިތުރު ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި މިއަދުން ފެށިގެން ވަކި ދުވަހެއް އަންގަންދެން ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު ފަހެއް ޖެހުމާއި ހަމައަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމަތީގައި މީހުންނާއި ދުއްވާ އެއްޗެހި އުޅުމަކީ މަނާކަމެކެވެ. މިވަގުތުގެ ތެރޭގައި ވިޔަފާރިތަކުން ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތްތައްވެސް ފޯރުކޮށްނުދެވޭނެއެވެ.

ރޭގަނޑު ދިހައެއް ޖަހާއިރުން ފެށިގެން ކާފިއުއެއް ހިންގުމަށް ނިންމާފައިވާއިރު، މިކަމަށް ބާރުދިނުމުގެ ގޮތުން ހުރިހާ ވިޔަފާރިތަކެއް ރޭގަނޑު 9:30 ގައި ބަންދުކުރަން ޖެހޭނެ ކަމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުންނަށް އެއް ތަނަކަށް އެއް ނުވެވޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ޓީމް ކުޅިވަރުތައް ކުޅުންވެސް ވަގުތީގޮތުން ވަނީ މަނާ ކުރެވިފައެވެ.

އެޗްޕީއޭއިން ބުނާގޮތުގައި މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވުމުން އެކަމަށް ރިއާޔަތްކުރުމަށް ފަހުގައެވެ. ފުލުހުން ވަނީ ކާފިއުގެ އަމުރަށް ތަބާނުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް