އިދިކޮޅު ފާޓީގެ ލީޑާސިޕްއަށް ހަވާލުވާން ރައީސް ނިންމެވި ނިންމުމަށް މަރުހަބާ - ޕީޕީއެމް

25 Sep 2018 | 13:43

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ރައީސް ޔާމީން އިދިކޮޅު ޕާޓީއެއްގެ ލީޑަރޝިޕްގައި މަސައްކަތް ކުރައްވަން ނިންމެވި ނިންމެވުމަށް ޕީޕީއެމްއިން މަރުހަބާ ކިޔައިފިއެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އެކަނިކުފާނު ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ހީކުރި ކަމަށެވެ.

ރައީސް ޔާމީން އިދިކޮޅު ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ނިންމަވާފައިވާކަން ފާހަގަކުރައްވާ އަބްދުއްރަޙީމް ވިދާޅުވީ،މިއީ ސިޔާސީ ލީޑަރުންގެ ތެރެއިން ގިނަ ބަޔަކަށް ނިންމޭ ނިންމުމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް، އެމަނިކުފާނުގެ ލީޑަރޝިޕްގައި މަސައްކަތް ކޮށްފިއްޔާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ސަރުކާރު ޖަވާބުދާރީ ކުރެވޭނެ. ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެންނަށް ތާއީދު ކުރާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިޤައުމުގެ ހައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް، އިދިކޮޅުގައި ތިބެގެންވެސް ވާނަމޭ." އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ ނިންމެވުމާއެކު، ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި، ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި، ސަރުކާރުގެ ވަޒީރުންގެ މަޖިލީހާއި، އަދި ކުންފުނިންތަކުގެ ވެރިންވެސް ތިއްބެވީ ރައީސް ޔާމީނާއެކު ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ. 

Advertisement

ކޮމެންޓް