ގާނޫނު އަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައެއްގައި: ރައީސް ނަޝީދު
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ ބިނާވެގެން އައިސްފައިވަނީ ބަރުލަމާނީ ސިފައެއްގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން، ވިޝާމް އެންޑް ކޯގެ ފަރާތުން ކުރިއަށް ގެންދަވާ ނޮލެޖް އޮން ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފަ ޖެހިގެން ކަމަށާއި، ނަމަވެސް އެންމެ ފަހުން ނިޒާމް އޮންނަ ގޮތާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުނު ކަމަށެވެ. އެވޯޓުގެ ނަތީޖާ އެމްޑީޕީން އޭރު ގަބޫލު ނުކުރާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2007 ވަނަ އަހަރު ނެގުނު މި ވޯޓުގައި އޭރު ވޯޓުލީ މީހުންގެ 62 އިންސައްތަ މީހުން ވޯޓުލާފައިވަނީ ރިޔާސީ ނިޒާމެއް އޮތުމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ ނިޒާމެއްގެ ތެރެއިން ގާނޫނު އަސާސީ ތަންފީޒުކުރުމަށް ލިބުމުން ގިނަ ދަތިތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި ފެހި ގާނޫނު އަސާސީއަކީ ތަބީއީގޮތުންވެސް ރިޔާސީ ނިޒާމަކަށް ފައްކާވެފައިވާ އެއްޗެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists