ރިލްވާންގެ އާއިލާގެ ލޮލުން ކަރުނަ ނުހިކޭތާ 6 އަހަރު، އިންސާފު ލިބޭނީ ކޮން ދުވަހަކުންބާ؟

08 Aug 2020 | 14:28

2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8ވަނަ ދުވަހުގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުން ވެގެންދިޔައީ ގިނަ ބަޔަކަށް ފުން ހިތާމައެއް ކުރިމަތި ކުރުވި ކަމެކެވެ. "މޮޔަމީހާ"ގެ ނަމުން ސޯޝަލް މީޑިޔާއަށް މަޝްހޫރުވި ރިލްވާނަކީ މިޒާޖުގެ ގޮތުން މަޑުމައިތިރި ނަމަވެސް އެންމެންނާއި ގުޅޭ ޒުވާނެކެވެ. ގައުމުގައި ހިނގަމުންދިޔަ ގޯސް ކަންކަމާއި މެދު ފަސްނުޖެހި އަޑު އުފުލަމުންދިޔަ ގައުމީ ދަރިއެކެވެ. ޓްވިޓަރގައި ކޮށްލާ މޮޅެތި ޓްވީޓްތަކުން މީހުން ހެއްވާލަމުންދިޔަ މީހެކެވެ.

އަޅުގަނޑަކީ ރިލްވާން އަމިއްލަ ހައިސިއްޔަތުން ދަންނަ މީހެއް ނޫނެވެ. ދިވެހިރާއްޖޭގެ އެހެނިހެން ގިނަ މީހުން ފަދައިން، އަޅުގަނޑަށްވެސް ރިލްވާން އެނގުނީ އޭނާ ގެއްލުނު ހިސާބުން އޭނާ ހޯދުމަށް އޭނާގެ ރަހުމަތްތެރިންނާއި އާއިލާއިން ފެއްޓި ވަރުގަދަ މަސައްކަތުންނެވެ. ވަކިން ޚާއްސަކޮށް ފާއިތުވެދިޔަ ހަ އަހަރު ދުވަހުގައި ރިލްވާނަށް ވީގޮތެއް ހޯދައި އިންސާފު ހޯދުމަށް އޭނާގެ އާއިލާއިން ކުރި މަސައްކަތަކީ މުޅި ގައުމަށްވެސް މިސާލެކެވެ.

މި މަސައްކަތުގައި މުޅި އެ އާއިލާއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރިލްވާންގެ މަންމަ އައިމިނަތު އީސާ އަދި ޝެހެނާޒް އާދަމް ކުރި މަސައްކަތެވެ. ފާއިތުވެދިޔަ ހަ އަހަރު އެމީހުން އެންމެ ލޯބިވާ ރިލްވާންގެ ޚަބަރެެއް ވޭތޯ، އޭނާއަށް އިންސާފެއް ލިބޭތޯ އެ ދެމައިން ނުކުރާ މަސައްކަތެއް ނެތެވެ. އެތަކެއް މުއައްސަސާތަކަކަށް ގޮސް ސަލާން ޖެހިއެވެ. ސިޔާސީ ވެރިންގެ ގާތުގައި އާދޭސް ކުރިއެވެ. މީޑިޔާތަކުގައި ހުއްޓާނުލައި ރިލްވާންގެ ވާހަކަ ދެއްކިއެވެ. ކޮންމެވެސް ދުވަހަކުން އެމީހުން ލޯބިވާ ރިލްވާނާއި ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ. އޭނާއަށް ވީނުވީއެއް އެނގޭނެކަމުގެ ވިސްނުމުގައެވެ.

އެހެނަސް އިންސާފަކީ ދިވެހިރާއްޖޭގައި އެތައް ބަަޔަކާއި ބީރައްޓެހި އެއްޗެކެވެ. ރިލްވާންގެ އާއިލާއަށްވެސް ކުރިމަތިވީ އެފަދަ ބަދުނަސީބެކެވެ. އެ މައްސަލައިގެ ތަހުގީގުގައި ގިނަ ދުވަސްތަކެއް ވާންދެން މާބޮޑު ކުރިއެރުމެއް ނުލިބޭ ތަނުގައި، މައްސަލައިގައި އެބައެއްގެ މައްޗަށް ދައުވާ އުފުލުނު މީހުން ކޯޓުން ދޫކޮށްލީއެވެ. އިންސާފު ހޯދުމަށް މަގުމައްޗަށް ނުކުތުމުން ކުރިމަތިލާންޖެހުނީ ފުލުހުންގެ ގަދަބާރާއި ޕެޕަރ ސްޕްރޭއާއި އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އޭރުގެ ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ކެމްެޕެއިން ކުރިއިރު، އެންމެ ބޮޑު އެއް ވައުދަކަށް ވެގެންދިޔައީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާނާއި އޭނާގެ އެކުވެރިޔާ އަދި މަރާލެވުނު ބްލޮގަރ ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމެވެ. އެ ވާހަކަ ހުއްޓާނުލާ އެތަކެއް ފަހަރު ތަކުރާރުކުރިއެވެ. އެންމެ ފަހުން ގޮސް، އިދިކޮޅަށް ވޯޓުދިނުމަކީ އެ ދެ އާއިލާއަށް އިންސާފު ހޯދައިދޭން ދެވޭނެ ވޯޓަކަށްވެސް ޕޯޑިއަމްތަކުގައި އެއްވަރު ކުރިއެވެ. ކޮންމެގޮތެއް ވިޔަސް، އެފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ އިންސާފުގެ ވައުދުވެލެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ރިލްވާނާއި ޔާމީން ރަޝީދަށް އިންސާފު ހޯދައިދޭން ރިޔާސީ ގަރާރަކުން ޚާއްސަ ތަހުގީގީ ކޮމިޝަނެއް ރައީސް ޞާލިހު އުފެއްދެވިއެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުގައެވެ. މިއާއި އެކު އޭނާގެ އާއިލާއާއި ރަހުމަތްތެރިންގެ ހިތްތަކުގައި އިންސާފުގެ ކުޑަ ނަމަވެސް ހުޅުކޮޅެއް ރޯވެގެންދިޔައެވެ. އެހެނަސް، އެ ހުޅުކޮޅު ވެގެެންދިޔައީ ވައިކޮޅެއް ޖެހުމުން ވަރަށް އަވަހަށް ނިިމިގެންދިޔަ އެއްޗަކަށެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ހާމަކުރި ވާހަކަތައް ވެގެންދިޔައީ ގައުމުގެ އެތައް ބަޔަކު ސިއްސުވާލި ވާހަކަތަކަކަށެވެ. ރިލްވާނާއި ބައްދަލުވާނެކަމަށް އޭނާގެ އާއިލާއިން ކުރަމުންދިޔަ އުންމީދު ކަފުން ކުރުވިފަދަ ކަމަކަށެވެ. ރިޔާސީ ކޮމިޝަނުން ހާމަކުރި ގޮތުގައި ރިލްވާން ވަނީ އަނިޔާވެރިކޮށް މަރާލެވިފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު އާންމު ކުރެވުނު ކޮމިޝަންގެ ތަހުގީގީ ރިޕޯޓްގެ ޚުލާސާގައިވާ ގޮތުގައި ރިލްވާން ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން އޭނާ ރަތްކުލައިގެ ކާރަކަށް ގަދަކަމުން އަރުވައިގެން ދުއްވާފައި ގޮސް ޑިންގީއަކަށް އަރުވައި، އެ ޑިންގީ އުކުޅަހަށް ނިސްބަތްވާ ދޯންޏަކަށް އަރުވައިގެންނެވެ. މި ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލުމަށްފަހު، އޭނާގެ ހަށިގަނޑު ކަނޑުފެއްތީ ކަމަށް ސިއްރު ހެކިވެރިއަކާއި ހަވާލާދީ އެ ރިޕޯޓްގައި ފާހަގަކޮށްފައެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ރިލްވާނާއި މެދު މި އަނިޔާވެރި އަމަލު ހިންގުމުގައި ހިމެނޭ މީހުންގެ ނަމަށް ދާންދެންވެސް ހިމެނިފައިވެއެވެ. އެތައް ބަޔަކު ގުޅިގެން ހިންގި މި ޖަރީމާގައި ދައުލަތުގެ މުއައްސަސާތަކުގެ ފަރާތްތައްވެސް ހިމެނެއެވެ. އެހެނަސް އެ ރިޕޯޓްގައި ހިމެނޭ އެންމެ ނަމަކާއި މެދުގައިވެސް މިއަދާއި ހަމައަށް ޝަރުއީ ހުކުމެއް އައިސްފައި ނުވެއެވެ. ރިލްވާނަށް އިންސާފު ހޯދައިދޭނެކަމުގެ ތަޞައްލީ އޭނާގެ އާއިލާއަށް ދެމުން އަންނަތާ މިއަދަށް 6 އަހަރު ވަނީއެވެ. އަދިވެސް އެމީހުންނަށް އިންސާފެއް ނުލިބެއެވެ. އެ އާއިލާގެ ލޮލުން ކަރުނައެއް ނުހިކެއެވެ.

އެހެނަސް އެ އާއިލާއިން ތިބީ ދޫދޭކަށް ނޫނެވެ. ލޯބިވާ ރިލްވާނަށް އިންސާފު ހޯދައިދޭން ފަސްޖެހުމެއް ނެތި މަސައްކަތް ކުރުމުގެ ނިޔަތުގައެވެ. އެ ނިކަމެތި އާއިލާގެ އުންމީދުތައް ހަގީގަތަކަށް ވާނީ ކޮން ދުވަހަކުންތޯއެވެ؟ 

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް