މާލެއިން ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް މިހާރު ރަށަށް ދެވޭނެ

08 Aug 2020 | 21:21

ފުރަބަންދުގެ ހާލަތުގައި މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހިގެން ނުވަތަ ވަޒީފާ ގެއްލިގެން ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަމަށް ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު އުސޫލުގައިވާ ގޮތުގައި 08 އޯގަސްޓް 2020ގެ ފަހުން ރަށްރަށުގައި ހޯމް ކަރަންޓީން ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަކަށް ކަމަށެވެ. 

އެގޮތުން މެޑިކަލް އިމަރޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައި ފަރާތްތަކާއި، މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހުމާއި، ރަސްމީ ބޭނުމެއްގައި މާލެއަަށް އައިސް ރަށަށް ދާންޖެހުމާއި، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަކަށް ބަދަލުވުމާއި އަދި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުން ހިމެނެއެވެ. މި ހުރިހާ ފަރާތްތަކުންވެސް ހޯމް ކަރަންޓީންވުމަށް ރަޖިސްޓަރވާން ޖެހޭނީ ހާލުބެލުން ޕޯޓަލް މެދުވެރިކޮށެވެ. 

އެގޮތުން ހޯމް ކަރަންޓީނަށް އެދުމަށްފަހު މަތީގައިވާ ދާއިރާތަކާއި ގުޅޭ ލިޔުންތައް ރަށުގެ ކައުންސިލަށް އީމެއިލް އިން ހުށައަޅަން ވާނެއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ކަރަންޓީންވާން އެދޭ ތަނުގައި ޝަރުތުތައް ހަމަވާން ވާނެއެވެ. އަދި ކައުންސިލުން ފާސް ޕޯޓަލް މެދުވެރިކޮށް އެޕްރޫވްކުރުމުން ހޯމް ކަރަންޓީންވުމަށް އެދިފައިވާ ފަރާތުން ހުށައަޅާ ލިޔުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައިކުރުމަށްފަހު އެދިފައިވާ ތާރީޚަށް ކަރަންޓީން ލިޔުމާއި ބިލްޑިންގ މޮނީޓަރިންގ ނޯޓިސް ހާލުބެލުން ޕޯޓަލަށް ލެވޭނެއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ރަށްރަށަށް ފުރުމަށް ޓިކެޓް ނަގަން ވާނީ ކަރަންޓީން ލިޔުން އަދި ބިލްޑިންގ މޮނީޓަރިންގ ނޯޓިސް ލިބުމުންނެވެ. 

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް