ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތީ ރިލްވާނާއި ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެން: އާއިލާ

08 Aug 2020 | 21:07

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ގެއްލުވާލެވުނު ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލެވުނު ބްލޮގަރ ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެންކަމަށް ރިލްވާންގެ ދައްތަ ޝެހެނާޒް އާދަމް ބުނެފިއެވެ.

ޝެހެނާޒް މިފަދައިން ބުނީ ރިލްވާން ގެއްލުވާލިތާ 6 އަހަރު ފުރުމާއި ދިމާކޮށް އޭނާގެ ބަޔޮގްރަފީ އަދި އޭނާއާއި ބެހޭ ލަވައެއް ނެރުމަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ.

ރިލްވާންގެ ދައްތަ ބުނީ މިހާ ދުވަސްވީއިރުވެސް ރިލްވާނަށް އިންސާފެއް ލިބިފައިނުވަނީ މުއައްސަސާތައް ފެއިލްވެފައި ވުމުން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް މިހާރު އެއްވެސް މިންވަރަކަށް އިތުބާރުނުކުރާ ކަމަށް ޝެހެނާޒް ބުންޏެވެ. 

ޝެހެނާޒް އިތުރަށް ބުނީ މިހާތަނަށް ރިލްވާނަށް އިންސާފެއް ލިބުނު ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށާއި، ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތީ ރިލްވާނާއި ޔާމީންގެ ނަން ބޭނުންކޮށްގެން ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރަކީ ރިލްވާންގެ އާއިލާއަށް އަނިޔާވެރިވި ސަރުކާރެއްގެ ގޮތުގައިވެސް އޭނާ ސިފަކުރިއެވެ.

މި ޕްރޮގްރާމްގައި ޝެހެނާޒްގެ އިތުރުން ރިލްވާންގެ މަންމަ އައިމިނަތު އީސާވެސް ބައިވެރިވިއެވެ. ރިލްވާންގެ މަންމަ ބުނިގޮތުގައި އޭނާ ވާނީ އެކުދިންނަށް އިންސާފު ހޯދައިދިނުމުގެ  ރައީސް ޞާލިހަށް ވޯޓުދޭންވެސް މީހުންގެ ކިބައިން އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement