ރިލްވާންގެ މައްސަލަ ތަހުގީގުކުރުމަށް ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީ ހޯދަނީ

10 Aug 2020 | 06:28

ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައާއި ގުޅިގެން އަތުން ނޯޓެއް ލިޔުއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޞާލިހު ވިދާޅުވީ އާއިލާގެ އެދުމާއި އެއްގޮތަށް މިވަގުތު މަސައްކަތްކުރަމުންދަނީ އިތުބާރުކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުގީގު ޓީމްގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އެ އާއިލާއަށް ލިބޭނެ އިތުރު ހިތްދަތިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް މާތްﷲގެ ވާގިފުޅާއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މިއަދަކީ ރިލްވާން ގެއްލުވާލެވުނުތާ 6 އަހަރުވީ ދުވަހެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މަރުތަކާއި ބެހޭ ކޮމިޝަންގެ ތަހުގީގުން ވަނީ ރިލްވާންގެ ކަރު ބުރިކުރުމަށްފަހު ކަނޑުފެއްތިކަން އެނގިފައެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް