Advertisement

ރިޟްވާންގެ މައްސަލައިގެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް: މަރުތަކާއި ބެހޭ ކޮމިޝަން

08 Aug 2020 | 20:11

ގެއްލުވާލެވިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލައާއި ގުޅޭ މައުލޫމާތުތައް އެނގޭ ފަރާތްތަކަށް އެކަންކަން ހިއްސާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޟްވާންގެ މައްސަލަައިގައި މިހާތަނަށް އެނގޭ މައުލޫމާތުތަކަށް ބަލާއިރު، އެ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތުތައް އެނގޭ ފަރާތްތައް ތިބުމަކީ އެކަށީގެންވާކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ކޮމިޝަނާއި ހިއްސާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ މައުލޫމާތުތައް ފޯރުކޮށްދޭ ފަރާތްތަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

އެ މައުލޫމާތު މަރުތަކާއި ބެހޭ ކޮމިޝަންގެ ފޯނު ނަންބަރު، އީމެއިލް އަދި ޓްވިޓަރ މެދުވެރިކޮށް ހިއްސާކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

މި ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ކޮމިޝަންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ޖުލައި 2 ވަނަ ދުވަހު ރިޟްވާންގެ އާއިލާއާއި މަރާލެވުނު ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއާއި ބައްދަލުކުރުމަށްފަހުގައި ކަމަށެވެ.

އަދި ކުރިއަށް އޮތް ސެޕްޓެމްބަރ މަހުގެ ތެރޭގައި މިފަދަ މާހިރަކު އައްޔަންކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް