ސީރިޔާގެ ހަނގުރާމައަށް ދާން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ އަލުން ބަލަން އަމުރުކޮށްފި

10 Aug 2020 | 15:49

 ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ދާން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ސީރިޔާއަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ރ.ކަނދޮޅުދޫ ކަށިމާގެ އަލީ ޝަފީގުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލިއެވެ. މި ދައުވާ ކްރިމިނަލް ކޯޓުން އޭރު ބޭރުކޮށްލާފައިވަނީ އޭނާގެ ތުރުކީ މަގުން ސީރިޔާއަށް ހަނގުރާމައިގައި ބައިވެރިވާން ދާން އުޅުނުކަމުގެ އެކަށީގެންވާ ހެއްކެއް ނެތްކަމަށް ބުނެއެވެ.

މި ދައުވާ ބޭރުކޮށްލާފައިވަނީ އިބްތިދާއީ މަރުހަލާގެ ތެރެއިންނެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން މި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އިސްތިއުނާފް މައްސަލަ ނިންމަމުން ހައިކޯޓުން ބުނެފައިވާ ގޮތުގައި އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ މަދަނީ މިންގަނޑުންނެވެ. އަދި އެ މަރުހަލާގައި ހެކިތައް ފުންކޮށް ވަޒަންކުރަން ނުޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލައިގެ ބާވަތުން މައުޟޫއީގޮތުންވެސް މި މައްސަލަ ބަލަން ޖެހޭނެކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

މިކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން ޖެހޭނެކަމަށް ނިންމައި، މައްސަލަ އެ ކޯޓަށް ތަހުވީލްކޮށްފައެވެ. މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއެވެ.

Advertisement

ކޮމެންޓް