Advertisement

ކަޝްމީރުގެ މައްސަލައިގައި އިންޑިޔާއާއި ދެކޮޅަށް ބުނި ބަސްތަކަށް މައާފަށް ނޭދޭނަން: ޑރ.މަހާތިރު

10 Aug 2020 | 20:56

އިންޑިޔާގެ ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި މިހާރު އޮތް ޖައްމޫ ކަޝްމީރުގެ މައްސަލައިގައި މިދިޔަ އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ބުނި ބަސްތަކަށް މައާފަށް ނޭދޭނެކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.މަހާތިރު ވިދާޅުވީ ކަޝްމީރުގެ ވާހަކައިގައި އަޑު އުފުއްލަވަން ނިންމެވިއިރު، އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ކުރާނެކަން އެނގިވަޑައިގެންނެވިކަމަށެވެ. ނަމަވެސް ބޮޑު ބާރުގަދަ ގައުމަކުން ކުޑަ ނިކަމެތި ގައުމެއްގެ މައްޗަށް އަތްގަދަކުރިކަން ހުރިހާ ހެކިތަކުން ފެންނަން ހުރިއިރު، ހަނުހުރުމަކީ ގޮތެއް ނޫންކަން ވިސްނިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިދިޔަ އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ވިދާޅުވި ވާހަކަތަކަށްފަހު ހިނގައިދިޔަ ކަންތައްތަކުން އެމަނިކުފާނަށް ވިދާޅުވެވުނީ ހިނގައިދާ ކަންކަމުގެ ކުޑަ މިންވަރެއްކަން ސާބިތުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ތަގުރީރުގައި ޑރ.މަހާތިރު ވަނީ އދ.ގެ ގަރާރުތަކާއި ޚިލާފަށް އިންޑިޔާއިން ކަޝްމީރުގެ މައްޗަށް އަތްގަދަކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކަޝްމީރުގެ މައްސަލަ ސުލްހަވެރިކަމާއި އެކު ހައްލުކުރެއްވުމަށް ޕާކިސްތާނާއި އިންޑިޔާއަށް ގޮވާލައްވާފައެވެ.

ޑރ.މަހާތިރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ތަގުރީރުގައި ބުނި ބަސްތަކާއި މެދު އެއްވެސް މައާފެއް ނޭދޭނެކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން މެލޭޝިޔާއިން އިންޑިޔާއަށް ކުރަމުންދިޔަ ތެލުގެ އެކްސްޕޯޓަށް އަސަރުކުރުމާއި މެދު މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި އެއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސްބުނުމުގެ އަދަބެއްކަން އެނގިވަޑައިނުގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެމަނިކުފާނަކީ ބޮޑުވަޒީރަށް ނުވުމުން ކަޝްމީރުގެ މައްސަލައިގައި އެއްވެސް ފަސްޖެހުމެއް ނެތި ވާހަކަދެއްކެވޭނެކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް