ކޮވިޑް-19 އާއި ގުޅިގެން ކުރެވުނު ޚަރަދުތައް އެއް ބިލިޔަން ރުފިޔާއަށް އަރައިފި

11 Aug 2020 | 15:53

ކޮވިޑް-19 އާއި ގުޅިގެން މިމަހުގެ 6ވަނަ ދުވަހާއި ހަމައަށް ދައުލަތުން އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރަމުން އަންނަ ޚަރަދުތަކުގެ ތަފްސީލްތައް ހާމަކޮަށް ކޮންމެ ހަފްތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުންނެވެ.

އެގޮތުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 6ވަނަ ދުވަހާއި ހަމައަށް ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން ވަނީ ޖުމްލަ 1114.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި ޚަރަދުކުރި އަދަދާއި އަޅާބަލާާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ. އެ ހަފްތާގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވާކަމަށް ދައްކަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި އެންޑީއެމްއޭއިން ވަނީ 703 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ހަފްތާއިން ހަފްތާއަށް ކުރަންޖެހޭ އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި ވޭތުވި 12.4 މިލިޔަން ރުފިޔާ ހިމެނެއެވެ. ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި އެހެން އިދާރާތަކާއި އަޅާބަލާއިރު އެންޑީއެމްއޭގެ އޮޕަރޭޝަނަލް ޚަރަދުތައް ބޮޑުވާނެއެވެ. 

ސަބަބަކީ އެންޑީއެމްއޭގެ ޒިންމާތަކުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ކުއްޔަށް ނެގުނު ކަރަންޓީން ފެސިލިޓީތަކަށް ފައިސާ ދެއްކުންވެސް ހިމެނޭނެތީއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މުއްދަތާއި ހަމައަށް އިގްތިސާދު ކުރިއެރުވުމަށް ހިންގި ތަފާތު ހަރަކާތްތަކަށް ދައުލަތުން ވަނީ ޖުމްލަ 699 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާއާއި އަޅާބަލާއިރު 18.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާތަނަށް އޭގެ ތެރޭގައި ޖުމްލަ ހިމެނެނީ އިންކަމް ސަޕޯޓް ސްކީމްގެ ތެރެއިން ދެވުނު 37 މިލިޔަން ރުފިޔާ، ލޯން ރިކަވަރީ ސްކީމްގެ ތެރެއިން ދެވުނު 650 މިލިޔަން ރުފިޔާ އަދި ކަރަންޓް ބިލް ޑިސްކައުންޓަށް ދެވުނު 12 ބިލިޔަން ރުފިޔާއެވެ.

Advertisement

ކޮމެންޓް