އޮސްޓްރޭލިޔާއިން ޔޫއެންއެފްޕީއޭ މޯލްޑިވްސްއަށް ތިންލައްކަ ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފި
އޮސްޓްރޭލިޔާގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ފަންޑް ފޯރ ޕޮޕިއުލޭޝަން އެކްޓިވިޓީސް ނުވަތަ ޔޫއެންއެޕްޕީއޭއިން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް 300،000 އެމެރިކާ ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި އޮތް ރަސްމިއްޔާތެއްގައި މި އެހީ ރަމްޒީގޮތުން ޔޫއެންއެފްޕީއޭ މޯލްޑިވްސްއާއި ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ހޮލީއެވެ. ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ފަރާތުން މިއެހީއާއި ހަވާލުވެ ވަޑައިގެންނެވީ ކަންޓްރީ ޑިރެކްޓަރ ރިޓްސޫ ނަކެންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮސްޓްރޭލިޔާގެ ހައިކޮމިޝަނަރ ޑޭވިޑް ހޮލީ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އަންހެންކުދިންނާއި އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫއެންއެފްޕީއޭއިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވޭތީ އުފާކުރައްވާ ކަމަށެވެ.
މި 300،000 ޑޮލަރުގެ އެހީ އަމާޒުކުރެވިފައިވަނީ ދަރިމައިވުމުގެ ސިއްހަތާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅޭގޮތުން އަންހެންކުދިންނާއި އަންހެނުންނަށް މައުލޫމާތާއި ޚިދުމަތްތައް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޔޫއެންއެފްޕީއޭ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތަކަށެވެ.
އެގޮތުން މި ފައިސާއިން މާލެއާއި ހއ.އަތޮޅުގައި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ ހުރިހާ ޚިދުމަތެއް ލިބޭނެފަދަ ސެންޓަރެއް ގާއިމްކުރެވިގެންދާނެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ޚިދުމަތްދޭންޖެހޭ ފަރާތްތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމާއި، ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ ސެންޓަރުތަކުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެތަންތަނަށް ޕީޕީއީވެސް ހޯދޭނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists