ކުރީގެ މިނިސްޓަރ އިނާޒްގެ ފާޑުކިޔުން ރައްޔިތުންގެ މަޖިލީހަށް!

12 Aug 2020 | 14:02

ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުންދާ ގޮތްތަކާއި މެދު އެމްޑީޕީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރ ކަމުގެ މަގާމު އަދާކުރެއްވި ޑރ.އަހުމަދު އިނާޒް ފާޑުވިދާޅުވެއްޖެއެވެ.

އިނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިފައި ވީނަމަވެސް ފެންނަމުންދާ މަންޒަރަކީ ސިޔާސީ ފަރާތްތަކުން ޒިންމާދާރު ކުރުވާނެ ނިޒާމެއް ގާއިމްކުރުމުގައި މަޖިލިސް ފައިލްވަމުންދާކަން ކަމަށެވެ. އަދި މިހާރުގެ މަޖިލީހަކީ ދަހިވެތި، ތަފާތު ޚިޔާލްތައް ބަލައިނުގަނެވޭ އަދި ޑިމޮކްރަސީ ހަރުދަނާކޮށް ހަމަހަމަ މުޖުތަމައުއެއް ގާއިމްކުރަން ނުކުޅެދިފައިވާ މުއައްސަސާއެއްގެ ގޮތުގައި އެބޭފުޅާ ސިފަކުރެއްވިއެވެ.

ޑރ.އިނާޒް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ހައްލުކުރަން ދަތި އިޖްތިމާއީ، އިގްތިސާދީ، ސިޔާސީ އަދި އިޖްތިމާއީ މައްސަލަތަކަށް "މައިވޭ އޯރ ހައިވޭ" ގޮތަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

އަދި މަޖިލީހުގައި ކުރެވޭ ބަހުސްތަކުގައި ކެތްތެރިވެ، ހިތްތިރިކަން އިސްކުރުމުން ގެއްލުންކުޑަ ހައްލުތައް ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2011 ވަނަ އަހަރުގެ ފަހުކޮޅުގައި ފިނޭންސް މިނިސްޓަރކަމުގެ މަގާމުން އިނާޒް އިސްތިއުފާ ދެއްވީ، އެބޭފުޅާއާއި އޭރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އެއްކޮށް ކާރުގައި ތިއްބަވަނިކޮށް ފެނިގެން، އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

Advertisement

ކޮމެންޓް