Advertisement

މިހާރުގެ ހާލަތަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން

12 Aug 2020 | 13:51

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިހާރުގެ ހާލަތަށް ވާވަރަށް ސިއްހީ ދާއިރާގައި ވަސީލަތްތައް އެބަހުރިކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތަށް ބަލައި، ބައްޔާއި ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާނެ ސިއްހީ ވަސީލަތްތައް ހިމެނޭ ނޭޝަނަލް ރިކުއަރމެންޓް ލިސްޓެއް އެކުލަވާލެވުނު ކަމަށެވެ. އަމީން ވިދާޅުވީ އެ ލިސްޓްގައި ހިމެނޭ ހުރިހާ ތަކެއްޗެއް ލިބިފައި ނުވީނަމަވެސް، ވަރަށް ގިނަ ތަކެތި ހަމަވެފައިވާ ކަމަށެވެ. އަދި ހާލަތަށް އަންނަ ބަދަލުތަކާއި ގުޅިގެން އަވަހަށް ހޯދަން ޖެހޭ ތަކެތި ހޯދުމުގެ ކަންކަންވެސް ކުރަމުންދާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"ވެންޓިލޭޓަރުވެސް އެންމެ ފުރަތަމަ ރިކުއަރކުރި ޢަދަދަށް ހަމައެއްނުވޭ. އެހެން ވަސީލަތްތައްވެސް އެ އަދަދަށް ހަމައެއްނުވޭ. ވަސީލަތްތައް ހޯދުމުގަ ގޮންޖެހުންތަކެއް ދިމާވި"، އަމީން ވިދާޅުވިއެވެ.

ނަމަވެސް މިހާރުގެ ހާލަތަށް ވާވަރަށް ވަސީލަތްތައް އެބަހުރިކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް