Advertisement

3081 ޒުވާނުން ޞާލިހްގެ ސަރުކާރުން މަގުމަތިކުރުން! ސަރުކާރުން ޖަވާބު ދާރީވާންޖެހޭ!

13 Aug 2020 | 16:53

މިއަދަކީ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހެވެ. ސަރުކާރު ތަކުން އަބަދުވެސް އެބައެއްގެ ތާއިދު ނުހަނު ބޭނުންވާ ބައެކެވެ. އިންތިހާބުތަކުގައި އެ ޒުވާނުންނަށް ބޭނުންވާ އަސާސީ އެތަކެއް ކަމެއް ފުއްދުމުގެ ވައުދާއެކު މި ފެހި ޤާނޫނު އަސާސީގެ ދަށުން ވެސް 3 ވަނަ ސަރުކާރެއް މިވަނީ އިންތިހާބުވެފައެވެ.

ޒުވާނެއްކަމަށް މި ރާއްޖޭގައި ބަލަނީ 18 އަހަރާއި 34 އަހަރޭ ދޭތެރޭގެ މީހުނަށެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 50% އަށް ވުރެން ގިނައެވެ. މިއާއެކު ޒުވާނުންނަށް އެ މީހުންގެ ބޭނުންތަކާއި، އެންމެ އަސާސީ ކަންކަމަށް ސަރުކާރުތަކުން މިވަނީ އެދެވޭ ހައްލެއް ހޯދުމަށް ނުކުޅެދިފައެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ބައްދަލުކުރާއިރު ދައްކަން ޖެހިފައިމިވަނީ އެތަކެއް ޒުވާނުންނެއްގެ ކުރިމަގާއި ގުޅިފައިވާ ހިޔާ ފްލެޓްގެ ވާހަކައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ހިޔާ ފްލެޓް އަކީ އެތަކެއް ޒުވާނުންނަށް އެ މީހުންގެ ކުރިމަގު ބަދަލުކޮށްލަން ލިބުނު ފުރުސަތަކެވެ. އެ އުންމީދުގައި އެތަކެއް ޒުވާނުންނެއް ފްލެޓައް ލައި އެ ސަރުކާރު ނިމުނު އިރު 3081 ޒުވާނުންނަށް، ޒުވާނުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީން ފްލެޓް ވަނީ ކަށަވަރުކުރެވިފައެވެ. މި އީ ބާކީ ހުރި ކެޓަގަރީތަކުން ލިބިފައިވާ ޒުވާނުން ނުހިމަނައި ހަމަ އެކަނި ޒުވާނުންގެ ކެޓަގަރީން ފްލެޓް ލިބޭނެކަން ނިމުނު ސަރުކާރުން ކަށަވަރުކޮށްދީފައިވާ ޒުވާނުންނެވެ.

މީގެ ތެރޭގައި ހިމެނެނީ މިހާރު އަޅާނިމިފައިވާ 7000 ފްލެޓްގެ ތެރޭގައި ހިމެނޭ އެޗް7 ގެ 1150 ފަރާތާއި، މި ސަރުކާރުން ވުޖޫދުގައި ނެތްކަމަށް ބުނެ "އޮޅުވާލާފައި" ވާ 2500 ފްލެޓް ތެރޭގައި ހިމެނޭ އެޗް7 ގެ 500 ފަރާތާއި، ހައުސިން މިނިސްޓަރ އަސްލަމް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެފައިވާ އެއްކޮޓަރީގެ ފްލެޓްތަކުގައި ހިމެނޭ އެޗް11 ގެ ޒުވާނުންގެ ކެޓަގަރީގެ 438 ފަރާތާއި، އަލަތު ކައިވެނި ކެޓަގަރީން ފްލެޓް ކަށަވަރުވެފައިވާ 993 ފަރާތެވެ.

އިބްރާހިމް މުހަންމަދު ޞާލިހް ސަރުކާރާއި ހަވާލުވުމަށްފަހު އެކި އުޒުރު ދެއްކުމަށްފަހު ހިޔާ ފްލެޓްގެ މަސައްކަތް މިވަނީ އެތައް ގުނައެއް މަޑުޖެހިފައެވެ. ސަރުކާރާއި ހަވާލުވުމަށް ފަހު 100 ދުވަހުގެ ވައުދުކަމުގައި ހެއްދެވީ ފެލްޓް މަސައްކަތް ހުއްޓުވާލުމަށްފަހު ކުރެހުން ބަދަލުކޮށް ފްލެޓް "ބޮޑު" ކުރަންވީ ވައުދުކަމުން އެކަން ކުރުމަށް އެތަކެއް ދުވަހުގެ މަޑުޖެހުމަށް މި ޕްރޮޖެކްޓައް އައެވެ. މިއިން އެއްވެސް ކަމެއް ނުވެ އިހު އޮތްގޮތައް މަސައްކަތް ކުރިއަށް ގެންދަން ރައީސް ޞާލިހް ވަނީ ނިންމަވާފައެވެ. އިންތިހާބުތަކުގައި އިނގިލި ކުރީގައި ގެންގުޅުނު ޒުވާނުން ބޮޑު ކުލީގައި ގަނަތެޅެމުގައި ހޭދަކުރަނީއެވެ. އިތުރުވީ ކުލި ދައްކަން ޖެހޭ މުއްދަތެވެ.

ކޮވިޑް-19 އާއި ރައްޖެ ކުރިމަތިވެ، އެތަކެއް ބައެއް ވަޒީފާގެއްލި އެތަކެއް ޒުވާނުން ވަޒީފާ ގެއްލުމުން ކުރިން މަޑުން ތިބި ޒުވާނުންގެ އަޑު މީސްމީޑިއަގައި އަޑު ގަދަކުރަންފެށިއެވެ. މިއާއެކު އަލަށް ހައުސިންގ މިނިސްޓްރީއާއި ހަވާލުވެލެއްވި މިނިސްޓަރ އަސްލަމް ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުވާނުންނަށް ވަނީ މާޔޫސްކުރުވަނި ވާހަކަތަކެއް ދައްކަވާފައެވެ. މިނިސްޓަރަށް އޮޅިވަޑައިގަތީކަމެއް އޮޅުވާލީކަމެއް ނޭގެއެވެ. މިނިސްޓަރެއްގެ ހައިސިއްޔަތުން އޮޅެންނުޖެހޭ ވަރުގެ ކަމެއް އޮޅުނީއެވެ. އޮޅުވައިލީއެވެ.

ސްޓްރަކްޗަރ ބައެއް މަސައްކަތް ވެސް ނިމިފައިވާ އެއްކޮޓަރީގެ ހިޔާ ފްލެޓްތައް މިނިސްޓަރ އަށް ނުފެނުނެވެ. ވުޖޫދުގައިވެސް ނެތް ފްލެޓްތަކަކަށް ހަދައި ނޫސްވެރިންގެ ބައްދަލުވުން ކުއްލިގޮތަކަށް ނިންމާލީ ދެތިން ނޫސްވެރިންނަށް ފުރުސަތު ދިނުމަށްފަހު ކުއްލި ބައްދަލުވުމަކަށް ދިއުމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ހިޔާގެ ދަށުން އެއްކޮޓަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓް އެޅުމަށް ހަވާލުކޮށްފައިވާ ސަރުކާރު ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި އެމްޕީއެލް އަދި ސްޓެލްކޯގެ ފްލެޓްތަކުގެ ސްޓްރަކްޗަރ މަސައްކަތް ވަނީ ނިމިފައެވެ. މިކުންފުނިތަކުގެ ފުރަތަމަ 4 ފަންގިފިލާ ހާއްސަކުރެވިފައިވަނީ އެއްކޮޓަރިއަށެވެ. މިއީ މިހާރު ސަރުކާރުގައި ގެޒެޓް ކުރެވިފައިވާ އެއްކޮޓަރީގެ ހައްގުވެރި ފަރާތްތައް ވަނުމަށް ހަމަޖެހިފައިވާ ކޮޓަރިތަކެވެ. މިވަގުތު ހުއްޓިފައިވާ އެސްޓީއޯ، ޕީއެސްއެމް ފަދަ ކުންފުނިތަކުގައި ވެސް އެއްކޮޓަރިތައް ހިމެނޭނެއެވެ. މި ސަރުކާރު އައުމަށްފަހު މި ކުންފުނިތަކުގެ މަސައްކަތް ވެސް ވަނީ ނުފެށި ހުއްޓިފައެވެ.

ޞާލިހްގެ ސަރުކާރުގެ ހައުސިން މިނިސްޓަރ އަސްލަމް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެފައިވާ އެއްކޮޓަރީގެ ފްލެޓްތަކުގައި ހިމެނޭ އެޗް11 ގެ ޒުވާނުންގެ ކެޓަގަރީގެ 438 ފަރާތާއި، އަލަތު ކައިވެނި ކެޓަގަރީން ފްލެޓް ކަށަވަރުވެފައިވާ 993 ފަރާތްތަކަށް މި ސަރުކާރުން ޖަވާބު ދާރީ ވާންޖެހެއެވެ. ބޮޑު ކުލީގައި ޒުވާނުން ހަނާވާއިރު ސަރުކާރު އޮތީ ހަނެވެ.

ދެން އޮތީ ސަރުކާރުން ވުޖޫދުގައި ނެތްކަމަށް ބުނެ "އޮޅުވާލި" ހިޔާ މަޝްއޫއުގެ 2500 ފްލެޓްގެ ވާހަކައެވެ. މިއީ 18 އަހަރާއި 40 އަހަރާ ދެމެދުގެ އެޗް7 ކެޓަގަރީގެ 500 ޒުވާނުންގެ ފްލެޓް މި ސަރުކާރުން ވުޖޫދުން ގެއްލުވާލި އޮޅުވާލުމުގެ ވާހަކައެވެ.

2500 ޔުނިޓުގެ މަސައްކަތް ކުރީ ސަރުކާރުންވަނީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް މިމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ޝާއިރުކޮށްފައެވެ. އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500ޔުނިޓްގެ ޑިޒައިނާއި ސްކޯޕަށް 2019ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އޭރު ހުންނެވި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ 2019 މާރިޗު 05 ވަނަ ދުވަހު މަޖިލީހުގެ ހާޒިރުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި މަސައްކަތް ނުފަށާހުރި 2500 ފުލެޓަށް ސަރުކާރުން ބަދަލު ގެންނަން ނިންމާފައިވަނީ އެތަންތަން ޖާގައިގެ ގޮތުން ކުޑަވުމުން ކަމަށެވެ. އަދި ސަރުކާރުން މިބަދަލު ގެންނަނީ ބޯހިޔާވަހިކަމަކީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަށް ހެދުމަށްޓަކައި ކަމުގައެވެ. އަދި ސަރުކާރުން ނިންމާފައިވަނީ 2500ފްލެޓްގެ ޑިޒައިން ދެކޮޓަރީގެ ގޮތުގައި ބެހެއްޓުމުގެ ބަދަލުގައި ތިން ކޮޓަރީގެ ފްލެޓްތަކަކަށް ބަދަލުކުރުމަށެވެ. އަދި ފްލެޓްތަކުގެ އަދަދު މަދުވިނަމަވެސް ސަރުކާރުން އިތުރު ފްލެޓް އިމާރާތްކޮށް އެފަރާތްތަކަށް ދެއްވާނެކަމަށެވެ.

ހައުސިންގ މިނިސްޓްރީއިން 2018ވަނަ އަހަރު ގެޒެޓުކުރި ލިސްޓުގައި 2500 ޔުނިޓް ދިނުމަށް ހަމަޖައްސާފައިވަނީ ޖުމްލަ 4 ކެޓަގަރީއަކުން ޖުމްލަ 2500 ފަރާތަަކަށެވެ. އެއީ H7 (އަށާރަ އަހަރާއި ސާޅީސް އަހަރާއި ދެމެދު ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު2 އިން 500، H8 (މާލޭ ރަށްވެހީންނަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު2 އިން 1000، H9 (މާލޭ މުނިސިޕަލިޓީގެ ދަފްތަރުގައިވާ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު 2 އިން 500 އަދި H10 (ނުކުޅެދުންތެރިކަން ހުން ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު 2އިން 500 މީހުންނަށެވެ.

މިއަހަރުގެ މާރިޗު މަހުގެ 10ވަނަ ދުވަހު ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިންގ ޔުނިޓްގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މިއީ ކުރީގެ 2،500ޔުނިޓުގެ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަން ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމް.އޯ.ޔޫގައި ސޮއިކޮށްފައިވާ ހައުސިން ޔުނިޓުތަކެވެ. ޔުނިޓުގެ ޢަދަދު 2500އިން 1700 އަށް މަދުވެފައިވަނީ ޑިޒައިނަށް ގެނައި ބަދަލާއި ގުޅިގެން ދެކޮޓަރީގެ ބަދަލުގައި ތިންކޮޓަރިއަށް ބަދަލުކުރުމުންނެވެ. އެހެންނަމަވެސް މިސަރުކާރުން މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން މިސަރުކާރުން އަލަށްފެށި ޕްރޮޖެކްޓެއްގެ ނަމުގައެވެ. އަދި މި ފްލެޓްތަށް ހާއްސަކުރާނީ މާލޭ ރަށްވެހީންނަށްކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މި ކެޓަގަރީން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޞާލިހް ގެ ސަރުކާރުން ޖަވާބު ދާރީ ވާންޖެހެއެވެ.

ޒުވާނުންގެ ދުވަހަށް ޒުވާނުން ބޭނުންވަނީ ލަވަޖަހާނެ ސެޓާއި ބަށި ކޯޓެއްވެސް ނޫނެވެ. ސަރުކާރުން މިހާ ބޮޑެތި ބަދަލުތައް ގެނެސް އެތަކެއް ބައެއްގެ ދިރިއުޅުމާއި ކުރިމަގާއި ގުޅިފައިވާކަމެއްގައި ސަރުކާރު ހަނު އޮތުމަކީ ޒިންމާދާރު ކަމުން ރެކުމެވެ. އެއީ ޒުވާނުންނާއި އެތަކެއް އާދައިގެ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެކެވެ. 

Advertisement

ކޮމެންޓް

Advertisement