އިޒްރޭލާއި އެކު ރަސްމީ ގުޅުންތައް ބޭއްވުމަށް ޔޫއޭއީއިން ނިންމައިފި

14 Aug 2020 | 22:21

އެކުވެރި އަރަބި އިމާރާތް ނުވަތަ ޔޫއޭއީއިން އިޒްރޭލާއި އެކު ރަސްމީގޮތުން ޚާރިޖީ ގުޅުންތައް ބާއްވައި، އެކި ދާއިރާތަކުން އެކުގައި މަސައްކަތްކުރުމަށް ނިންމައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އިޒްރޭލް، އެމެރިކާ އަދި ޔޫއޭއީއިން ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައިވާ ގޮތުގައި އިޒްރޭލާއި ޔޫއޭއީއާއި ދެމެދު ޚާރިޖީ ގުޅުންތައް ގާއިމްކުރުމުން މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި، އެ ސަރަހައްދުގެ ކުރިއެރުމުގެ އާ މަގެއް ހުޅުވިގެން ދާނެއެވެ. ޔޫއޭއީއާއި އިޒްރޭލާއި ދެމެދު ޚާރިޖީ ގުޅުންތައް ގާއިމްކުރުމުގެ ބަދަލެއްގެ ގޮތުންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިލެއްވުމުގެ މަތިން، އެމެރިކާއިން އެކުލަވާލި މެދުއިރުމަތީގެ ސުލްހައިގެ މަގުޗާޓްގައި ހިމެނިފައި ނުވާ ސަރަހައްދުތަކަށް އިޒްރޭލުން އަތްގަދަކުރުން ވަގުތީގޮތުން ހުއްޓާލާނެއެވެ.

މީގެ އިތުރުން އިޒްރޭލުން މުސްލިމް ދުނިޔޭގެ އެހެން ގައުމުތަކާއި އެކުގައިވެސް ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށް ވަނީ ބުނެފައެވެ. މި ބަޔާނުގައި ވަނީ އެކަމަކީ ހާސިލްކުރެވޭނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް، އެ ގުޅުންތައް ގާއިމްކުރުމަށް އިޒްރޭލުން ކުރާ މަސައްކަތުގައި ޔޫއޭއީ އަދި އެމެރިކާއިން އެހީތެެރިވާނެކަމަށްވެސް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަނީ އިޒްރޭލާއި ޔޫއޭއީއާއި ދެމެދު އެކި ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ރޭވިފައެވެ. އަދި ދެގައުމުގައި އެމްބަސީތައް ގާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިޒްރޭލާއި ޔޫއޭއީއާއި ދެމެދު މީގެކުރިންވެސް ދިޔައީ އެކި ފަށަލަތަކުގައި ވިޔަފާރީ އަދި ޓެކްނޮލޮޖީގެ ރޮނގުން ގުޅުންތައް ބާއްވަމުންނެވެ.

ޔޫއޭއީގެ ފަރާތުން އިޒްރޭލް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނިންމި ނިންމުމަށް އަރަބި ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން މިއީ ފަލަސްތީނުގެ ރައްޔިތުންގެ ބުރަކައްޓަށް ޔޫއޭއީއިން ހެރި ވިހަ ހަންޖަރެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. ނަމަވެސް މިސްރު، އޮމާން، އަދި ބަހުރެއިން އިން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ. 

Advertisement

ކޮމެންޓް