ރައީސް އިބްރާހިމާއި ނަރެންދްރަ މޯދީ ބައްދަލުކުރައްވައިފި

17 Nov 2018 | 19:24

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވައިފިއެވެ.

މިއަދު އިރުއޮއްސުނު ވަގުތު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމަށްފަހު ބޭރު ގައުމެއްގެ އިސްވެރިއަކާއި އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމަށްފަހު ދެގައުމުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައިވަނީ ބައްދަލުވުމުގައި ދެކެވުނު މުހިންމު ވާހަކަތަކުގެ ތަފްސީލްތައް ގެނެސްދީފައެވެ. އެގޮތުން މޯދީ ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ދެއްވި ދައުވަތަށް ޝުކުރުއަދާކުރައްވާ، އިންޑިޔާގެ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އަދި ރައީސް އިބްރާހީމްގެ ޒައާމަތުގައި ދެގައުމުގެ ގުޅުން ބަދަހިވާނެކަމުގެ އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެހެންމެ އިންޑިޔާ ކަނޑުގެ އަމާންކަމާއި ރައްކާތެެރިކަމުގެ އިތުރުން، ޓެރަރިޒަމްގެ ނުރައްކަލުން މި ސަރަހައްދު ސަލާމަތްކުރުމަށް އެކުގައި މަސައްކުރުމަށްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެހެންމެ އިންވެސްޓްމެންޓް، ވިސާ އަދި ދަތުރުފަތުރުގެ ދާއިރާގައިވެސް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ވާހަކަދެކެވިފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންޑިޔާއަށް ވަޑައިގެންނެވުމަށް އެދި ދައުވަތު ދެއްވާފައެވެ. 

Advertisement

ކޮމެންޓް