ރައީސް ޔާމީން ފެތުމަށް ޓްރެކެއް ހަދައި އިތުރު ޗެނަލްތައް ލިބޭގޮތް ހަދަމުންދަނީ: އިމްރާން

15 Aug 2020 | 23:36

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ފެތޭނެގޮތް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ފަތާ ޓްރެކްއެއް ހެދުމާއި އިތުރު ޓީވީ ޗެނަލްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެ ޓީވީގެ ފަލަސުރުހީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ރައީސް ޔާމީން ފެތޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހުއްޓިފައިވަނީ ކޮވިޑް-19 އާއި ގުޅިގެންކަމަށެވެ.

މާފުށި ހިއްކަންފެށުމާއެކު މޫދައްއެރެން އޮންނަ ދިމާލުގެ އޮއެ ގަދަވުމާއެކު އެ ސަރަހައްދަށް ރައީސް ޔާމީން މޫދަށް އެރިވަޑައިގަތުމަށް ދޫކޮށްލުމަށް މިނިސްޓަރ އިމްރާނަށް ކެރިވަޑައިނުގަންނަވާތީ، ފެތޭނެގޮތައް ޓްރެކެއް ހެދުމުގެ މަސައްކަތް ކަރެކްޝަންސްއާއެކު ފައްޓަވަން ނިންމާފައިވަނިކޮށް ރާއްޖެ ލޮކްޑައުންއަކަށް ދިއުމާއެކު މަސައްކަތް ހުއްޓިވަފައިވާކަމަށް މިނިސްޓްރ އިމްރާން ވިދާޅުވިއެވެ.

"އެހެންވީމަ އެތަނުގައި މޫދަށް އެރެވޭނެ އިންތިޒާމު ހަމަޖައްސާނަމޭ، ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި. އެ އިންތިޒާމު ގާއިމުކޮށްދީފައި އެކަން ކުރާނަމޭ. އެކަން ކުރުމަށް މަސައްކަތް ފެށިތަނާ ލޮކްޑައުނަށް ގޮސްގެން މުޅި މަސައްކަތް ހުއްޓިފައި އޮތީ. އެ ދުވަހުވެސް ދެންނެވިން މިކަމުން އަރައިގަނެވުމާ އެއްކޮށް އެކަން ކޮށްދޭނަމޭ" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ޓީވީއެމްގެ ހުރިހާ ޗެނަލްއެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އިތުރު ޗެނަލްތައްވެސް ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ކުރީ ސަރުކާރުގައި ކަންތައް ކުރައްވާފައިވާ ގޮތައްވުރެން މާ ރަނގަޅަށް ޖަލުގެ އިންތިޒާމްތައް މި ސަރުކާރުން ކުރާނެކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްއިން ވަނީ މިމަހުގެ 13 ވަނަދުވަހު ހޯމް މިނިސްޓަރާއި ބައްދަލުކުރައްވައި ޖަލުގެ ހިދުމަތްތަކާއި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ހޯމް މިނިސްޓްރީގެ ޑިރެކްޓަރު، ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ ވިދާޅުވީ ބައްދަލްވުމުގައި އިދިކޮޅުގެ ބޭފުޅުން މައިގަނޑު ހަތަރު ކަމަށް އެދިފައިވާ ކަމަށެވެ. އެއީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވާއިރު ފެތޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމާއި ޓީވީ ޗެނަލްތައް ބެލޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމުގެ އިތުރުން ވަކީލުންނާއި ބައްދަލު ކުރުމުގެ ފުުރުސަތު ދެއްވުމަށެވެ.

Advertisement

ކޮމެންޓް

Advertisement