ސިއްހީ ޓެސްޓްތައް ހެއްދެވުމަށް ރައީސް ޔާމީން ދަނީ އިންކާރުކުރައްވަމުން: އިމްރާން

16 Aug 2020 | 10:48

ޑޮކްޓަރުން އެދިގެން ހައްދަވަން ޖެހޭ ބައެއް ޓެސްޓްތައް ހެއްދެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީން ރޭ ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޝައިޚް އިމްރާން ވިދާޅުވީ މިހާރު ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް ލިބެންވާ އެއްވެސް އަސާސީ ޚިދުމަތެއް އުނިނުކޮށް، ކޮށްދެވެން އޮތް އެންމެ ރަނގަޅަށް ކަރެކްޝަންސްއިން ކޮށްދޭނެކަމަށެވެ. އަދި މިހާރުވެސް ރައީސް ޔާމީންގެ ސަރުކާރުގައި ޖަލުގައި ތިއްބެވި އިދިކޮޅު ފަރާތްތަކާއި މެދު އަމަލުކުރި ގޮތަށްވުރެ މާ ރަނގަޅަށް މި ސަރުކާރުގައި އަމަލު ކުރަމުންދާކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދޭން އިދިކޮޅުން ގޮވާލުމާއި ގުޅޭގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ، އިދިކޮޅުން އެކަން ކުރަމުންދަނީ ޑޮކްޓަރެއް ދެއްވާފައިވާ ލިޔުމަކާއި ގުޅިގެންކަމަށެވެ. އަދި އެ ލިޔުމުގައިވާ ޓެސްޓްތައް ހެދުމަށް ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގެންފައިވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

"އެ ލިޔުމުގަ އެބައޮތް ޓެސްޓްތަކެއް ހަދަން. ހަމަ މިދެންނެވީ، އަޅުގަނޑު މިއަދުވެސް އެބަ އެދެމޭ އެ ޓެސްޓްތައް ހެއްދެވުމަށް. އެއްގޮތަކަށް އެއްބަސްވެ ވަޑައިނުގަންނަވާ ޓެސްޓްތައް ހައްދަވަން ވަޑައިގަންނަވަން"، އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން އެ ޓެސްޓް ނަހަދައި، އޭގެ މައްޗަށް ކުރަންޖެހޭނެ އެހެން ކަމެއް ކުރާނީ ކިހިނެތްތޯ ހޯމް މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޓެސްޓްގެ ނަތީޖާގެ މައްޗަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން އިމްރާން ދެއްވިއެވެ.

Advertisement

ކޮމެންޓް