80 އިންސައްތައަށްވުރެ ގިނަ ސްޓާޓް އަޕްސްތަކުގެ އާމްދަނީ ދަށްވެފައިވާކަމަށް ދައްކައިފި

16 Aug 2020 | 18:19

ދިވެހިރާއްޖޭގައި ހިންގަމުންދާ 80 އިންސައްތައަށްވުރެ ގިނަ ސްޓާޓްއަޕްސްތަކުގެ އާމްދަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދަށްވެފައިވާކަމަށް ސްޓާޓްއަޕް ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރާ ކޮންސަލްޓެންސީ ފާމެއްކަމަށްވާ ސްޕާކްހަބުން ބުނެފިއެވެ.

ސްޕާކްހަބުން މިފަދައިން ބުނެފައިވަނީ 51 ސްޓާޓްއަޕް ވިޔަފާރި ހިމަނައިގެން އެޕްރީލްމަހުގެ 30ވަނަ ދުވަހުން ފެށިގެން މެއިމަހުގެ 11ވަނަ ދުވަހާއި ހަމައަށް ހިންގި ދިރާސާއަކުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

މި ދިރާސާއިން ދައްކާގޮތުގައި 80 އިންސައްތައަށްވުރެ ގިނަ ސްޓާޓްއަޕްތަކުގެ އާމްދަނީ ވަނީ ދަށްވެފައެވެ. އަދި 50 އިންސައްތައެއްހާ ސްޓާޓްއަޕްތައް ދެ މަސް ދުވަހުގެ ތެރޭގައި ބަންދުކުރަން ޖެހިދާނެ ފަދަ ނާޒުކު ހާލަތަކަށް ވަނީ ވެއްޓިފައެވެ. މިފަދަ ވިޔަފާރިތަކުގެ ތެރެއިން 90 އިންސައްތަ ވިޔަފާރިތަކުގެ ބޭނުންކުރާ ކަސްޓަމަރުންގެ އަދަދުވެސް ވަނީ މަދުވެފައެވެ.

މީގެ އިތުރުން 50 އިންސައްތައެއްހާ ސްޓާޓްއަޕްތަކުގެ މުސާރަތައްވެސް ކުޑަކޮށްފައިވާކަަމަށް ސްޕާކްހަބްގެ ދިރާސާއިން ވަނީ ދައްކާފައެވެ.

ސްޕާކްހަބުން ބުނިގޮތުގައި މި ދިރާސާގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ވަނީ އެފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ކިބައިން މާލީ އެހީތެރިކަމަށް އެދިފައެވެ. ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން މަޑުޖެހި ގައުމުގެ އިގްތިސާދީ ކުރިއެރުން ދަށްވުމާއި ގުޅިގެން ގިނަ ސްޓާޓްއަޕްތަކުގެ ޕްރައިމަރީ މާކެޓުން ޚިދުމަތްތައް ބޭނުންކުރާ މިންވަރު ވަނީ ދަށްވެފައެވެ.

Advertisement

ކޮމެންޓް