ވަކީލުންނާ ބައްދަލުނުކުރެވޭތީ ރައީސް ޔާމީންގެ ޝަރީއަތް ފަސްކޮށްފި

16 Aug 2020 | 15:34

އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީ މެދުވެެރިކޮށް ރ.ފުއްގިރި ކުއްޔަށްދޫކުރުމުގައި ހިނގައިދިޔަ ޚިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާގެ ޝަރީއަތްތައް ފެށުން ފަސްކުރުމަށް ނިންމައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތައް މިހާތަނަށް ފެނިފައި ނުވާކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި ލިޔެކިޔުންތައް ނުފެނި އިތުރަށް ކުރިއަށްދާން ދަތިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ގާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެވޭތާ ދޮޅުމަސް ދުވަސް ވެފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އެކަމާއި ގުޅިގެން ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ދެއްކުނު ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް، މި މައްސަލަ ބައްލަވަން އިންނެވި ކްރިމިނަލް ކޯޓްގެ ގާޟީ އަހުމަދު ޝަކީލް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުވެފައި ނުވާކަން އެނގޭކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުވުމުގެ ފުރުސަތު ދެއްވައި ކަރެކްޝަންސްގެ މައްޗަށް ކޯޓު އަމުރެއް ނެރުއްވާނެކަމަށް ގާޟީ ވިދާޅުވިއެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ލިޔެކިޔުންތައް ހަވާލުވުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން މީގެކުރިން ބުނިގޮތުގައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒުކޮށްގެން މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރކުރުމަށް ފަށަލަކޮށްފައިވެއެވެ.

މި މައްސަލައިގައި މަތީގައި ބަޔާންވެފައިވާ ދެމީހުންނާއި ދެ ކުންފުންޏަށްވެސް ވަނީ މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނާއި، އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން މެދުވެރިކޮށް ކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ ހގެ ދަށުން އެ މާއްދާގެ ރގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އަދި އެ ގާނޫނުގެ 5 ވަނަ މާއްދާގެ ހގެ 3 ވަނަ ނަންބަރާއި ހަވާލާދީ، އެ ގާނޫނުގެ 53 މާއްދާގެ ށގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ. 

Advertisement

ކޮމެންޓް

Advertisement