މިއީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ޓެސްޓްކުރެވޭނެ ފަހަރު!

17 Aug 2020 | 12:09

ނިމިދިޔަ ސަރުކާރުގައި އޭރު ތިބި އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދައްކަމުންދިޔަ ވާހަކައަކީ އެ ސަރުކާރުގައި ހިނގަމުންދިޔަ ކޮރަޕްޝަނާ، ވައްކަމާއި ފަސާދައިގެ ނޭއްގާނީ އަމަލުތަކުގެ ވާހަކައެވެ. އެއީ ކިތަންމެހާވެސް ތެދެކެވެ. އެ ސަރުކާރުގެ ތެރޭގައި ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ހިނގައިދިޔަކަން ތަހުގީގީ އިދާރާތަކުގެ ރިޕޯޓްތަކުންނާއި ޝަރުއީ ކޯޓުތަކުގެ ހުކުމްތަކުންވެސް އެ އޮތީ ސާބިތުވާށެވެ. އެކަންކަން ބޮއްސުންލައި، އެންމެ ފަހުން ދިވެހިން އެ ސަރުކާރަށް ނޫނެކޭވެސް ބުނީއެވެ. ވައްކަމާއި ފަސާދައިން ކިލަނބުވެފައިވާ ތަރައްގީއެއް ތިމަންނާމެން ބޭނުން ނުވެޔޭ ބުނާ ހާލުގައެވެ.

2018ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ. މި ސަރުކާރުގެ ބޮޑު ސިޔާސަތެއްގެ ގޮތުން އިއުލާންކުރެވުނީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނެވެ.

ތެދެކެވެ. ނިޒާމުގައި އަދި އިންސާނީ ތަބިއްޔަތުގައި ހަރުލާފައިވާ ކަންތައްތައް ފިލުވާލުމަކީ ކުއްލިއަކަށް ވާނެކަމެއް ނޫނެވެ. އެކަންކަމަށް ފުރިހަމަ ހައްލު ގެނައުމަށް އަހަރުތަކެއް ނަގާނެކަމީ ދުނިޔޭގެ އެކި ގައުމުތަކުން ފެންނާން އޮތް ކަމެކެވެ. އެހެނަސް މަޑުމަޑުން ކަންކަން ރަނގަޅު ކުރުމަކީ ހަމަ ވާން އޮތް ކަމެކެވެ. 

އެއްވެސް ގައުމެއްގެ އެއްވެސް ސަރުކާރެއްވެސް ޒައްރެއްގެ މިންވަރެއްގެ ވިޔަސް ކޮރަޕްޝަނަކާއި ނުލައި ނުހިނގާނެއެވެ. އެއީ ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ގަބޫލުކުރަން ޖެހޭނެކަމެކެވެ. "މި ސަރުކާރުގައި ކޮރަޕްޝަނެއް ނޯންނާނެ"، ބުނެފިނަމަ އެއީ ހަމަ ސީދާ އާންމު ފަރުދުން ގުނބޯ ހެއްދުމަށް ދައްކާ ވާހަކައެކެވެ. މިއީ އެއްވެސް ހާލަތެއްގައި ކޮރަޕްޝަނާއި ވައްކަމަކީ "އޯކޭ" ކަމެއްގެ ގޮތުގައި ދެއްކުމަށް ބުނާ ވާހަކައެއް ނޫނެވެ. އެހެނީ، ކޮރަޕްޝަންގެ ނޭއްގާނީ ވަބާގެ ސަބަަބުން އާންމު ފަރުދުންނަށް މިލިޔަނުންނާއި ބިލިޔަނުން ފައިސާ ގެއްލޭކަމީ ހިތާމަހުރި ކަމެކެވެ.

ކުރިންވެސް ދެންނެވުނު ފަދައިން މި ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނެވެ. އެކަން ޒާތަކަށް ފެންނަމުންވެސް އެބަދެއެވެ. ސަރުކާރުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް، ހަރުދަނާ ޗެކް އެންޑް ބެލެންސްގެ ފާރަވެރި ނިޒާމެއްގެ ތެރެއިން އެބަ ހާމަކުރަމުންދެއެވެ. އެކަމުގެ އެއް ބޮޅު އިއްޔެ ވަނީ އިތުރުވެފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ ހެލްތު މިނިސްޓްރީގެ ކޮވިޑް-19ގެ ޚަރަދުތަކާއި ގުޅޭގޮތުން ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓެއް ހާމަކޮށްފައެވެ. މި ރިޕޯޓުން ހާމަވިގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ގަވާއިދާއި ޚިލާފަށް މިވަނީ އެތަކެއް އަމަލުތަކެއް ހިންގާފައެވެ.

އެގޮތުން ބަލާލާއިރު، ހެލްތު މިނިސްޓްރީންނާއި އެންއީއޯސީން މިހާތަނަށް ބުނަމުންދިޔަ ގޮތާއި މުޅިން ޚިލާފަށް 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގއާއި ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ރިކޮމެންޑޭޝަންގެ ތެރެއިން ނޫންކަމަށް ވަނީ ފަޅާ އަރާފައެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް ވެފައިވާ ކޮންޓްރެކްޓްގެ ޖުމްލަ އަގު 34 މިލިޔަނެއްހާ ރުފިޔާއަށް އަރާއިރު، މިހާތަނަށް އޭގެ ތެރެއިން ދަައްކާފައިވަނީ 30 މިލިޔަން ރުފިޔާއެވެ. މިތަކެތީގެ އެޑްވާންސް ފައިސާއެއްގެ ގޮތުން ޖުމްލަ އަގުގެ 90 އިންސައްތަ ދޫކޮށްފައިވާއިރު، އެޑްވާންސް ޕޭމެންޓް ގެރެންޓީއެއް ބަހައްޓާފައި ނުވާކަންވެސް ވަނީ އެނގިފައެވެ. 

މީގެ އިތުރުން ދިވެހި ދެ ކުންފުންޏަކަށް ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރީ މާލިއްޔަތު ގަވާއިދާ ފުށޫއަރާގޮތަށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަންވެސް އެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

ހަނދާނަށް އަންނަނީ 2015ވަނަ އަހަރެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އައިއީޑީއެއް ގޮވުމާއި އެކު ފަޅާއެރި ކަންތައްތަކުގެ ތެރޭގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅުރަށްތައް ދޫކުރުމުގައި އޭރުގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ބޮޑެތި ޚިޔާނާތްތަކެއް ހިންގެވިކަން ހިމެނެއެވެ. ތަހުގީގީ އިދާރާތަކުގެ ރިޕޯޓްތަކުންނާއި ޝަރުއީ ހުކުމްތަކުން އެކަން އޮތީ ސާބިތުވެފައެވެ. އެ ދުވަސްވަރު އަދީބަށް އެންމެންވެސް ވަނަމަކަށް މުޚާތަބުކޮށް އުޅުނީ "ބްރޯ"ގެ ނަމުންނެވެ. ކިތަންމެ ބާރުވެރިވެ، ފައިސާ ހުރި ނަމަވެސް އެންމެންނާއި ގުޅޭ ފަރާތަކަށް ވާތީއެވެ. އަދީބު ނުވަތަ ބްރޯގެ "ދީލަތިކަން" ލިބިފައިވާ އެތައް ބަޔަކު އެބަތިއްބެވެ. އެވާހަކަ ފަހަށް ބާއްވަމާދޯއެވެ. މިވަގުތު އަދީބުގެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފްގެ މަރުހަލާގައެވެ. މި ހާލަތުގައި ބައެއް ފަރާތްތަކުން ދަނީ އަދީބުގެ ކުށެއް ނެތްކަމަށްވެސް ބުނަމުންނެވެ. އެކަން ނިންމާނީ ކޯޓުތަކުންނެވެ.

އަދީބުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި ހިމެނެނީ ދިވެހި އިގްތިސާދުގެ ރަންބިސް އަޅާ ކުކުޅުކަމުގައިވާ ދިވެހިންގެ ރަށްތަކެވެ. ގައުމެއްގެ އިގްތިސާދަކީ އެގައުމެއްގެ ދިރުން ކަމުގައި ވާހިނދު، އިގްތިސާދު މިހާ އިނދަޖެހި ނޭވާހޮޅިއަށް އެޅިފައި މި އޮތް ހާލަތުގައި ފެނިގެން މިދިޔަ މަންޒަރަކީ ނޭވާލާން އެހީތެރިވެދޭ ވެންޓިލޭޓަރު ހޯދުމުގައިވެސް ޚިޔާނާތަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވުމެވެ. ގައުމު ނާޒުކު ފައްތަރެއްގައި އޮތްއިރު، ގައުމުގެ ރައްޔިތުންގެ ކަރަށް ފައިން އަރައި ނޭވާ ހާސްކޮށްލި މަންޒަރެވެ. އެ ނޭވާ ހަމަޖައްސައިދޭން ހުރި ވެންޓިލޭޓަރުތައް ނައިސް ލަސްވަމުންެދާ މަންޒަރެވެ.

ކޮރަޕްޝަނާއި ޚިޔާނާތުގެ މިފަދަ އަމަލުތައް ފާރަވެރިވުމުގެ ނިޒާމެއްގެ ތެރެއިން މި ބޮޑު ޖަރީމާ ފަޅާއެރުމަކީ ނުފޫޒެއް ނެތި ކަންތައްތައް ކުރުމުގެ ޖާގަ އޮތްކަން އަންގައިދޭ ކަމެއްކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް ކަންއޮތް ގޮތް ރަނުން ރަނަށް ހާމަކުރުމަކީ އޮޑިޓަރ ޖެނެރަލްގެ ގާނޫނީ ޒިންމާކަންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ.

މިފަދަ ޚިޔާނާތުގެ މައްސަލައެއް ހިނގައިދިޔަ އިރު، އެކަމުގައި ހިމެނޭ މިނިސްޓްރީގެ އެންމެ އިސް ފަރާތް ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށް ވަރަށް ބޮޑަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކުރެވިފައެވެ. މި ހާލަތުގައި މިކަންކަން ތަހުގީގުކޮށް، މިނިސްޓަރ ޖަވާބުދާރީ ނުކުރެވިދިޔަ ދީގެން ނުވާނެއެވެ. އެހެނީ ކޮރަޕްޝަންގެ އަމަލުތައް ފާޅުގައި ހިންގާ، އެންމެންނާއި ގާތްކޮށް އުޅެ ޖަވާބުދާރީ ނުވެ އުޅޭ ދެވަނަ "ބްރޯ"އަކަށް މިނިސްޓަރ އަމީންވުމަށް އެކަކުވެސް ނޭދޭނެއެވެ. ހެޔޮވެރިކަމެއް ގާއިމްކުރެވެން އޮތީ ހަމަ ހަގީގަތުގައިވެސް ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދައްކައިގެންނެވެ.

Advertisement

ކޮމެންޓް

Advertisement