ރައީސް ޞާލިހްއަށް ކޮރަޕްޝަނާ ދެކޮޅަށް ޒީރޯ ޓޮލަރެންސް ނުދެއްކުނު! ދެއްކުނީ އުޒުރެއް!

18 Aug 2020 | 00:25

ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުޅުވެފައެވެ.

މިއާއެކު ރައީސް އޮފީސް ވެބްސައިޓުން ކޮރަޕްޝަންގެ މައްސަލަތަކަށް ވިސިލް ބްލޯ ކުރެވޭނެމަގު ތަނަވެސްކުރުމަށް ވަނީ ވިވިލް ބްލޮވާ ވެބް ޕޯޓަލްއެއް ޤާއިމް ކުރައްވާފައެވެ. ކޮރަޕްޝަން ކޮމިޝަންއަށް ރައީސް ޞާލިހް "ނަޒާހަތްތެރި" ކަމަށް ފެންނަ މެންބަރުންތަކެއް ލައި ސާފުކުރެއްވެވިއެވެ.

މިއީ މިޒަމާނުގެ ގޮތުން ބަލާނަމަ ރަނގަޅު "ޕީއާރ" އަކަށް ނުވަތަ މި ސަރުކާރުގެ މޫނުމަތި ސާފުކޮށްލުމަށް ކޮށްލި ރަމްޒީކަމެއްކަމަށް މިހާރުމިވަނީ ބެލެވެން ފެށިފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސްގެ ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް ކުރީގެ ޕީޖީ ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޞާލިހް ވެރިކަމުގައި އެންމެ ފުރަތަމަ ވެސް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިފައިވަނީ ރައީސް ޞާލިހްގެ ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީއިން އާންމު ކުރި ރިޕޯޓެއްގައި ވެސް ކުރިން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން މަހުލޫފް ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގޭގައި ބަހައްޓާފަ އެވެ.

އޭރުވެސް މަހުލޫފް ވަނީ ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކަން ހިނގާދިޔަގޮތް ސާފުކޮށްދީ ބަޔާނެއްވެ ސް ނެރުނެވެ.

ރައީސް އޮފީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މަހުލޫފްގެ ސަސްޕެންޝަން އުވާލައި އަލުން މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައި ވަނީ ގޭގައި މަޑުކުރަން އެންގިތާ ދެ މަހާ ދެ ދުވަސް ފަހުންނެވެ. މި މައްސަލަ ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާއަކުން ބެލުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބެލައި ގޮތްނިންމުމުން ސަރުކާރުގެ ނަޒާހަތްތެރިކަމާއި ހެޔޮ ނިޔަތާމެދުވެސް ސުވާލު އުފެދެއެވެ.

އަނެއްކާވެސް އޮޑިޑް ރިޕޯޓެކެވެ. ޓުއަރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކޮވިޑްގެ ބަލި ބަޑުކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑު ޖަރީމާގެ ވާހަކަތައް ފެންމަތިކޮށްލި އޮޑިޓް ރިޕޯޓާއި ގުޅިގެން މިހާތަނަށްވެސް ރައީސް ޞާލިހްގެ ޒީރޯ ޓޮލަރެންސްގެ ދަށުން ފިޔަވަޅެއް އަޅުއްވާފައިނުވެއެވެ. ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު މަޤާމުން ވަކިކޮށްފައިވީނަމަވެސް އެ މިނިސްޓްރީގައި ކޮރަޕްޝަންގައި ޝާމިލްވާ އިތުރު އެއްވެސް ފަރާތަކަށް ކުޑަމިނުން ސަސްޕެންޝަނެއްވެސް ކުރާތަން ނުފެނެއެވެ.

ހެލްތް މިނިސްޓަރ އަމީން މީޑީއާތަކުގެ ކުރިމަތީގައި ތަކުރާރުކޮށް ވެންޓިލޭޓަރާއި ބެހޭގޮތުން އިތުރުފުޅު ހައްދަވައި، ހިންގެވި ބޮޑު ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ކުރިއާއި ހިލާފަށް މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑް ކުރައްވާކަށް ރައީސް ޞާލިހްއަށް ނުކެރުނު ނުކެރުން މާނަކުރަންވީގޮތް ރައްޔިތުންނަށް މިއަދު ވަނީ ސާފުވާން ފަސާފައިކަން މީސްމީޑިއާއިން ހާމަވެއެވެ.

މި މައްސަލާގައި ރައީސް ޞާލިހް ދުވަހު ނޫސް އަދިވެސް އަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވީ ޒީރޯ ޓޮލަރެންސްގެ ބަދަލުގައި އުޒުރެކެވެ.

"އޮޑިޓް ރިޕޯޓް ދިރާސާކޮށްފައި (ގޮތެއް) ނިންމާނީ. އަދި އޮޑިޓް ރިޕޯޓު ނުލިބޭ،" "އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރިން ދިރާސާ ކުރެއްވުމަށް ވެސް މިނިސްޓަރ މަހްލޫފް މަޤާމުންގެ މަސައްކަތްތަކުން އެކަހެރިކުރެވުނު ފަދައިން މި ބޮޑު ކޮރަޕްޝަނާއި ގުޅިގެން ކަންތައް ނުކުރެވެންވީ ކީއްވެތޯއެވެ. މިނިސްޓަރ އަމީން، މިނިސްޓަރ ޢަލީ ވަހީދުގެ އިތުރުން ސިޔާސީ މަޤާމްތަކުގައި ތިއްބެވި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންވެސް މި ކޮރަޕްޝަންގައި ފަސްއަޅެޅުމުގެ ކުރިން މަޤާމްތަކުން ސަސްޕެންޑް ކުރައްވައި ރައީސްގެ ޒީރޯ ޓޮލަރެންސް ދައްކަވާދެއްވާށެވެ. 

Advertisement

ކޮމެންޓް