ޖޭޕީގެ ސްލޮޓެއްގައި ސިޔާސީ މަގާމަކަށް އައްޔަންވާ ފަރާތެއްގެ އަމަލުތައް މޮނީޓަރ ނުކުރަން: ޖޭޕީ

17 Aug 2020 | 20:22

ޖުމްހޫރީ ޕާޓީގެ ފަރާތުން ސިޔާސީ މަގާމަކަށް އައްޔަންކުރުމަށް ފޮނުވާ ފަރާތެއްގެ ނަން އައްޔަންކުރުމަށްފަހު އެފަރާތަކުން އަމަލުކުރާގޮތް މޮނީޓަރ ނުކުރާނެކަމަށް އެޕާޓީގެ އިސް ތަރުޖަމާނު އަދި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިހް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރކަމުގެ މަގާމަށް ވަޑައިގެން ހުންނަވަނިކޮށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ މައްސަލައާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަލީ ޞާލިހް ވިދާޅުވީ ކޯލިޝަން ޕާޓީއެއްގެ ހައިސިއްޔަތުން ޖޭޕީއަށް ލިބޭ ސްލޮޓްތަކަށް ކަނޑައަޅާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވުމުން، ބައްލަވަން ޖެހޭ ކަންތައްތައް ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާ ކަމަށެވެ. އަދި އައްޔަންވާ ފަރާތަކުން އުސޫލުތަކުގެ ތެރެއިން ފުރަންޖެހޭ ގާނޫނީ ލިޔެކިޔުން އަދި ކުށުގެ ރެކޯޑްތައް ފުރިހަމަކޮށް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދަވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޞާލިހް ވިދާޅުވިގޮތުގައި، ޖޭޕީގެ ފަރާތުން ފޮނުވޭ ނަމެއް އައްޔަންވުމަށް ފަހުގައި އެބޭފުޅަކު ސަރުކާރުގައި އަދާކުރާ މަސްއޫލިއްޔަތު އެޕާޓީން ބަލައި މޮނީޓަރކޮށް ނަހަދާނެއެވެ. އަދި ދުވަހުން ދުވަހަށް އެކަން ކުރާނީ، ސަރުކާރުގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން މަތިކޮށްފަ ހުންނަ ފަރާތަކުންކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އައްޔަންކުރެވޭ ފަރާތަކުން އުސޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް ކުރާ އަމަލަކާއި ގުޅިގެން ރައީސް ޞާލިހް އަޅުއްވާ ފިޔަވަޅަކާއި މެދު ޖޭޕީން ބަސްކިޔައި ނަހަދާނެއެވެ. އަދި އެޕާޓީއަކީ ތަހުގީގީ އިދާރާއެއް ނޫންކަމުން އެފަދަ މައްސަލަތައް ބަލައި ފިޔަވަޅުވެސް ނާޅާނެކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement