ރައީސް ޔާމީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަައް ހުއްޓާލަން އާއިލާއިން ގޮވާލައިފި

18 Aug 2020 | 16:21

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މެދު އަނިޔާވެރިނުވުމަށް އެމަނިކުފާނުގެ އާއިލާއިން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ގޮވާލައިފިއެވެ.

ރައީސް ޔާމީންގެ އާއިލާއިން މިފަދައިން ގޮވާލާފައިވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކަވައި، ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގުފަދަ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަކީ ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތަށް ސިފަވާގޮތަށް އެކި ފަހަރުމަތިން ވާހަކަ ދައްކަވާކަމަށެވެ. އެގޮތުން އެކި ފަހަރުމަތިން މީޑިޔާގައި އެއްވެސް އަސްލެއް އަސާސެއްނެތް ބުހުތާނު ދޮގު ވާހަކަތައް އިމްރާން ދައްކަވައި ހިންގި މުޑުދާރު އަމަލުގެ ސަބަބުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ނަފްސާނީ ބޮޑެތި ގެއްލުންތަކާއި ހިތާމަ ކުރިމަތިވެފައިވާކަމަށް ޒޭން ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނާއި މެދު މިފަދަ އިހާނެތި ގޮތަކަށް ކަންކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގަންނާނެކަމެއް ކަމަށް ނުދެކޭކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ޒޭން ވިދާޅުވީ ނޫސް މީޑިޔާއާއި މީސް މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއާއި މެދު ދޮގު ވާހަކަތައް ފަތުރާ ދުއްތުރާކުރުމުގައި މިނިސްޓަރ އިމްރާން އިސްވެ ހުންނަވާ ކަމަށެވެ. މިއީ ދިވެހި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ ނަގައިލުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ހިންގޭ ކަމެއްގެ ގޮތުގައި މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ރައީސް ޔާމީންގެ އިންސާނީ ހައްގުތަކާއި އިސްލާމްދީނުން ކަށަވަރުކޮށްދެއްވާފައިވާ އިންސާނީ ކަރާމާތް ނަގައިލުމަށް ހިންގާ މުޑުދާރު އަމަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބަޔާނުގައި ރައީސް ޔާމީންގެ އާއިލާއިން ވަނީ އަސާސީ ހައްގުތަކުން އެމަނިކުފާނު މަހުރޫމްކޮށްގެން ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލައި، އެ އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާފައެވެ. އަދި އެމަނިކުފާނާއި މެދު ދޮގު ބުހުތާން ވާހަކަތައް ނުދެއްކުމަށާއި، އެމަނިކުފާނަށް އަނިޔާވެރިނުވުމަށްވެސް ޝައިޚް އިމްރާނަށް ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް

Advertisement