ކަޅު ކަނޑު ސަރަހައްދުން ތުރުކީން ބޮޑު ގުދުރަތީ ގޭސް ރިޒާވެއް ހޯދައިފި

21 Aug 2020 | 19:01

ބްލެކް ސީ ނުވަތަ ކަޅުކަނޑުގައިވާ ތުރުކީގެ ކަނޑުގެ ބޯޑަރު ސަރަހައްދުން ގިނަ އަދަދެއްގެ ގުދުރަތީ ގޭސް ހިމެނޭ ރިޒާވެއް އެގައުމުން ހޯދައިފިއެވެ.

މިކަން އިއުލާންކުރައްވާފައިވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ.

މިއަދު ގައުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ މިއީ އެގައުމުގެ ތާރީޚްގައިވެސް ހޯދުނު އެންމެ ގިނަ އަދަދެއްގެ ގުދުރަތީ ގޭސް ރިޒާވް ކަމަށެވެ. އެގޮތުން މި ރިޒާވްގައި ގާތްގަނޑަކަށް 320 ބިލިޔަން ކިއުބިކް މީޓަރު ހުންނާނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ރައީސް އުރުދުޣާން ވިދާޅުވީ ތުރުކީގެ ވިސްނުމުގައި ހުރީ 2023ވަނަ އަހަރުން ފެށިގެން މި ރިޒާވް ބޭނުންކުރުމަށް ފެށުން ކަމަށާއި، ކަޅުކަނޑާއި މެޑިޓެރޭނިއަން ކަނޑުގެ އެހެނިހެން ސަރަހަައްދުތަކުންވެސް ގޭސް ރިޒާވްތައް ފެނުމުގެ އުންމީދު ބޮޑުކަމަށެވެ.

ބެލެވޭ ގޮތުގައި މި ގޭސް ރިޒާވް ބޭނުންކުރަން ފެށުމާއި އެކު، ތުރުކީން ހަކަތައިގެ ކަންކަމަށް ގައުމުން ބޭރަށް ޚަރަދުކުރާ ފައިސާގެ އަަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. ތުރުކީއިން މިވަގުތު ހަކަތައިގެ ކަންކަމުގައި އެންމެ ބޮޑަށް ބަރޯސާވާ ގައުމަކީ ރަޝިޔާއެވެ. ނަމަވެސް ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލައިގައި ދެގައުމުގެ ގުޅުމަށް ވަނީ އަސަރުކޮށްފައެވެ.

މިކަމާއި ގުޅިގެން މީޑިޔާތަކާއި ވާހަކަދައްކަވަމުން އެގައުމުގެ ފިނޭންސް މިނިސްޓަރ ބެރާތު އަލްބައިރަކް ވިދާޅުވީ މި ހޯދުނު ބިޔަ ގޭސް ރިޒާވާއި އެކު، ތުރުކީގެ ބެލެންސް އޮފް ޕޭމަންޓްގެ ކަރަންޓް އެކައުންޓް ސަރޕްލަސް ވެގެންދާނެ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement