އުސޫލަށް ގެނައި ބަދަލާއި އެކު ކުދި ވިޔަފާރިތައް ވެންޓިލޭޓަރަށް!

23 Aug 2020 | 20:52

ދިވެހިރާއްޖެއިން 2020ވަނަ އަހަރު ފެށީ ފޮނި އުންމީދަކާއި އެކުގައެވެ. ތަރައްގީގެ މަގުގައި އާ ކުރިއެރުންތައް ހޯދައި، އިގްތިސާދީ އަދި އިޖްތިމާއީ ރޮނގުން ރަނގަޅަށް ހިންދެމިލުމުގެ ނިޔަތުގައެވެ. އެހެނަސް އެ އުންމީދުތައް، މިއަދު މިވަނީ ހުވަފެނެއްގެ ގޮތުގައި ބާއްވަން ޖެހިފައެވެ. ކޮވިޑް-19ގެ އާލަމީ ވަބާއާއި މުޅި ދުނިޔެ ހަނގުރާމަކުރަމުންދާއިރު، އެކަމުގެ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެވެސް އިސްތިސްނާ ވެފައެއް ނުވެއެވެ.

މިއަހަރުގެ އެޕްެރީލްމަހުގެ ތެރޭގައި މާލެއިން ކޮވިޑް-19ގެ ކޭހެއް ފެނުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގައުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި މި ބައްޔާއި ގުޅުންހުރި ހުރިހާ ކަމެއްގައި އެންމެ އިސްބަހާއި ފަހުބަސް އިއްވާ ފަރާތްތަކަކީ ސިއްހީ މާހިރުންނެވެ. 

ތެދެކެވެ. ސިއްހީ ދާއިރާގެ ފަރާތްތަކުން ބޯޑަރުތައް ބަންދުކުރުމަށާއި، މާލެ ލޮކްޑައުން ކުރުމަށް ގޮވާލަމުންދިޔަ އަޑު ސަރުކާރުން އަހައި އެކަން ކުރިއެވެ. ކުރަން ފުރަތަމަ ބުނިތާ ކިތަންމެ ލަހުން ކަމުގައިވިޔަސްމެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ތަންކޮޅެއް ކުރިން ސިއްހީ މާހިރުންގެ ބަސްތަކަށް ފުރިހަމައަށް އަހައި ތައްޔާރުވެވުނު ނަމަ، މިއަދުގެ ހާލަތު މިހާ ގޯސްނުވީހެވެ. އެހެނަސް އަޅުގަނޑަކީ އާންމު ސިއްހަތުގެ ފަންނުވެރިއަކަށް ނުވުމުން އެކަމާއި މެދު ނިޔާ ކަނޑައަޅާކަށް ނެތީމެވެ.

ދެބަސްވެވެން ނެތް ހަގީގަތެއް އެބައޮތެވެ. ދިވެހިރާއްޖެ ފަދަ ނާޒުކު އިގްތިސާދެއް އޮތް ގައުމަކުން މިފަދަ ބަލިމަޑުކަމެއްގެ ވަގުތުގައިވެސް ސިއްހަތާއި އިގްތިސާދު އެއް ނާޅިއަކުން މިނެކިރަން މަސައްކަތް ކުރަން ޖެހޭނެކަމެވެ. އެހެނީ ދިވެހި ގައުމު ކޮވިޑް-19 ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ހަމަ އެ ހާލަތުގައި އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓުނަ ނުދީ ހިފަހައްޓަންވެސް ޖެހޭނެއެވެ. ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތުގައި ދިވެހި ގައުމުގެ ބޮޑުބައި ބާއްވައިގެން ވީ މިންވަރަކުން އިގްތިސާދާއި ފުރާނަތައް ސަލާމަތްކުރުމުގެ މަސައްކަތް ކުރިކަމަށް އަޅުގަނޑު ބުނާނަމެވެ. އެކަން އެހެނަސް ކުރީ އެންމެ ފުރިހަމައަށްތޯ ނިންމުމަކީ އަދި މާ ފުޅާ ބަހުސެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމުގެ ތެރެއިން އެންމެ ބޮޑަށް ފެނިގެންދިޔަ އެއް މަންޒަރަކީ އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމަށާއި، ތިމާގެ ހުނަރުވެރިކަން ދައްކާލުމުގެ ނިޔަތުގައި ގޭތެރޭގައި ތިބެގެން ދެ ޖިންސުގެ ފަރާތްތަކުން ތަފާތު މަސައްކަތްތައް ކުރަމުންދިޔަ ތަނެވެ. މިގޮތުން ލޮކްޑައުނަށް ލިބުނު ލުއިތަކާއި އެކު، ގިނަ އަދަދެއްގެ ހޯމް ކުކްސް އަދި ހޯމް ބޭކަރސްތައް މީސް މީޑިޔާގައި ފެންނަމުންދިޔައެވެ. އެފަރާތްތަކުގެ މީރު އުފެއްދުންތަކަށް ގޭތެރޭގައި ތިބި ގިނަ ބަޔަކާއި އޮފީސްތަކަށް ދިޔަ މަދު ބަޔަކުވެސް ދިޔައީ ބަރޯސާވަމުންނެވެ.

އެހެނަސް މިފަދައިން ގޭތެރޭގައި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ފަރާތްތަކަށް ރޭ އިވިގެންދިޔައީ އެހާ އުފާވެެރި ޚަބަރެއް ނޫނެވެ. މިރޭ އަށަކުން ފެށިގެން ފަތިހު ފަހެއް ޖަހަންދެން މާލޭ ސިޓީގައި މަގުމަތީގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. މި ގަޑީގައި ހިނގާފައި އުޅެވުނު ކަމުގައިވިޔަސް، މިއީ މިފަދަ ކުދި ވިޔަފާރިތަކަށް ލިބޭ ބޮޑު ގެއްލުމެކެވެ. ވޮއިސްއާއި ވާހަކަދެއްކި ބައެއް މިފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކުން ބުނިގޮތުގައި އެފަރާތްތަކަށް އެންމެ ގިނައިން އޯޑަރުތައް ލިބެނީ ރޭގަނޑުގެ ކެއުމުގެ ވަގުތާއި ދިމާކޮށެވެ. އަދި ގިނަ ހޯމް ކުކްސް އަދި ބޭކާރސް އަކީ ދުވާލު ވަޒީފާ އަދާކުރުމަށްފަހު ނުވަތަ ދަރިން ބެލުމުގެ ކަންކަމުގައި އުޅުމަށްފަހު ހަވީރަށް އެޅުމުން މަސައްކަތް ފަށާ ފަރާތްތަކެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިފަދައިން އެފަރާތްތަކުން ތައްޔާރުކުރާ ކާބޯތަކެތި ޑެލިވަރ ކުރެވޭނެގޮތުގެ އިސްތިސްނާއެއް ނެތި، ރޭގަނޑު 8 އިން ފެށިގެން ވެހިކަލްތައް ދުއްވުން މަނާކުރުމުގެ ސަބަބުން ޑެލިވަރކޮށްދޭ ކުދި ހުރިހާ ވިޔަފާރިތަކަށްވެސް އޭގެ ބޮޑު ގެއްލުމެއް ދައްކާނެކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް މި ގެނައި ބަދަލާއި އެކު ކެފޭ ރެސްޓޯރެންޓް އަދި ކުދި ފިހާރަތަކަށްވެސް ބޮޑު ގެއްލުމެއް ދައްކާނެއެވެ.

މިފަދައިން ގެންނަ ބަދަލަކުން ބޮޑެތި ވިޔަފާރިތަކަށް މާބޮޑު ގެއްލުމެއް ނުދައްކަފާނެއެވެ. އެކަމަކުވެސް މިގަޑިތަކުގައި ވެހިކަލް ދުއްވުން މަނާކުރުމުން، އެ ހުރަސް އެޅުނީ ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުން އަންނަ މަސައްކަތްތަކަށެވެ. މިފަދަ ކުދި ވިޔަފާރިތަކަށް ޑެލިވަރީކުރުމުގެ ފުރުސަތު ދެވެން އޮތްނަމަ އެކަން ކޮށްދެއްވާށެވެ. އެހެން ނޫންނަމަ، ސަރުކާރުން ތި ކޮޅުފައިން ޖަހަނީ ހައިހޫނުކަން ފިލުވައި، ފަޚުރުވެރި ދިރިއުޅުމަކަށް ހިންދެމިލަން މަސައްކަތް ކުރާ އާންމު ފަރުދުންގެ ބަނޑުގައެވެ. ވެންޓިލޭޓަރަށް ތި ލެވެނީ ކުދި ވިޔަފާރިތަކާއި އެފަރާތްތަކުގެ މުސްތަގްބަލުގެ އުންމީދުތަކެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް