ރެސްޓޯރެންޓްތަކުގެ ވެރިން އެޗްއީއޯސީ ކުރިމައްޗައް އެއްވެ އިހުތިޖާޖުރަންފަށައިފި

23 Aug 2020 | 14:34

ރެސްޓޯރެންޓް ތަކުގެ ވެރިން ދަރުބާރުގެ ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެޗްޕީއޭއިން ވަނީ މިރެއިން ފެށިގެން ރޭގަނޑު 8އިން ފެށިގެން ފަތިހު 5އަށް މާލޭ ސިޓީގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކޮށްފިއެވެ. މިއާއެކު ރެސްޓޯރަންޓް ފަދަ އެތަކެއް ކާބޯތަކެތި ޑެލިވަރީ ކުރާ ފަރާތްތަކަކަށް ހުރަސް އެޅިގެން ދާނެއެވެ.

މި ސަރަހައްދަށް އެއްވެފައިވާ ރެސްޓޯރަންޓްގެ ވެރިންވަނީ އެޗްޕީއޭގެ ވެރިންނާއި ބައްދަލުކުރުމަށް ބޭނުންވާކަމަށް ގޮވާލަމުންންނެވެ. އަދި މި ފިޔަވަޅު ތަކުގެ ސަބަބުން ރެސްޓޯރަންޓް ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށާއި، ވިޔަފާރިތައް ވަރަށް ބޮޑަށް އަޑިއަޅާލާފައިވާކަމަށާއި މުސާރަ ދެވޭނެގޮތް ނެތްކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭގެ މުވައްޒަފުންނާއި ހިލާފަށް ރެސްޓޯރަންޓްތަކަށް މުސާރަ ދެނީ ސަރުކާރު ބަޖެޓުން ނޫންކަމަށްބުނެފައިވެއެވެ.

މި ސަރަހައްދަށް އެއްވެފައިވާ ރެސްޓޯރަންޓްތަކުގެ ވެރިން ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރުގެ އިސްތިއުފާއަށް ގޮވާލާފައެވެ. 

ޗެނަލް13 އާއި ވާހަކަ ދެއްކެވި ރެސްޓޯރަންޓްގެ ވެރިއެއްބުނެފައިވަނީ މިއީ ސީދާ ކުދި ވިޔަފާރި ފުނޑާލުމަށް ކުރާކަމެއްކަމަށާއި، މިއަދު އެއްވެފައި މިވަނީ އެޗްޕީއޭގެ އިސްވެރިނާއި ވާހަކަ ދައްކަވަންކަމަށެވެ. ރޭގަނޑު ވަކި ވަގުތެއްގައި ސައިކަލް ނުދުއްވޭގޮތަށް ހެދި އެއްވެސް ލޮޖިކަލް އެކްޕްލެނޭޝަންއެއް ދެވިފައިނުވާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް)ގެ ޖެނެރަލް ސެކްރެޓަރީ މަރިޔަމް ސުހާނާ ވިދާޅުވީ ދަރުބާރުގޭގެ ކުރިމަތީގައި މުޒާހަރާ ކުރަމުންދަނީ ރެމްގެ މެންބަރުން ނޫންކަމަށެވެ. ނަމަވެސް އެފަރާތްތަކުގެ ކަންބޮޑުވުންތަކަކީ ރެމްއިންވެސް އެކަންކަމާއި މެދު އެއްބަސްވެވޭ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

ސުހާނާ ފާހަގަކުރެއްވި ގޮތުގައި ކެފޭ ރެސްޓޯރެންޓްތަކަކީ ވިޔަފާރިތަކެއްގެ އިތުރުން، އެތައް ބައެއްގެ ކެއިން ބުއިމާއިވެސް ގުޅިފައިވާ ތަންތަނެވެ. އެހެންކަމުން އެތަންތަނުން ޑެލިވަރީ ނުކުރެވޭ ގޮތްވެ، އެތަންތަނަށް ދުއްވާތަކެތީގައި ނުދެވޭގޮތް ވުމުން ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ސުހާނާ ފާހަގަކުރެއްވިއެވެ.

ސުހާނާ ވިދާޅުވިގޮތުގައި މިހާރު އޮތް އުސޫލެއް ކޮންމެވެސް ލުއިތަކެއް ވަރަށް އަވަހަށް ލިބޭނެކަމަށް ރެމްއިން އުންމީދުކުރެއެވެ. އެފަދައިން ނުވެއްޖެނަމަ މަހެއްހާ ދުވަހުގެ ތެރޭގައި ބައެއް ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރަން ޖެހިދާނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް