އާ ސަރުކާރުގެ ފުރަތަމަ 100: ސިޔާސީ ހުރިހާ ހައްޔަރީން ދޫކޮށްލަނީ!

18 Nov 2018 | 12:44

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރެެއިން، ފުރަތަމަ ދުވަހު ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެރިކަމުގެ ފުރަތަމަ ދުވަހުގައި، ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އަދި މިއާއި އެކު ސިޔާސީ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްސަލަތައްވެސް ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ބެލުމަށް ވަނީ ނިންމާފައެވެ. 

މީގެ އިތުރުންވެސް ޝަރުއީ ނިޒާމާއި އިންސާފު ފުރިހަމައަށް ގާއިމްކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދައުލަތުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ހިންގާފަައިވާ ގާނޫނާއި ހިލާފު އަމަލުތަކުގެ މައްސަލަތައް ބަލަން ފަށައި، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެެއްލުން ދިނުމަށް ފާސްކޮށްފައިވާ ގާނޫނުތައް އަލުން މުރާޖައާކުރަން ފެށޭނެކަމަށް ވަނީ ބުނެފައެވެ.

އަދި އަނިޔާދީ، މަރާލާ، ގެއްލުވާލައިފާ ހުރިހާ ފަރާތްތަކަށް އިންސާފު ލިބިދިނުމުގެ މަަސައްކަތް ފެށޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށްވެސް ވަނީ ވައުދުވެފައެވެ. އަދި އެހެންމެ، ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement